ސްރީލަންކާއަށް އެރި ތޫފާން "ދިތުވާ" އާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް ރާއްޖޭގެ ސަރުކާރުން ލަންކާއަށް ހަދިޔާކުރާ 25،000 މަސްދަޅު ކޭސް ހިފައިގެން އެމްއެސްއެސްގެ ބޯޓު ލަންކާއަށް ފުރައިފި އެވެ.
އެސްޓޯއީއޯއިން އިއްޔެ ބުނީ އެމްއެސްއެސް ގަލީނާ ރޭ މާލެއިން ފުރާނެ ކަމަށެވެ.
"އެއީ ސްރީލަންކާއަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ދަޅުގައި ބަންދުކޮށްފައި ހުންނަ ޓޫނާގެ 25،000 ކޭސް ހިފައިގެން. މިއީ މި ދަނޑިވަޅުގައި ރާއްޖެއިން ސްރީލަންކާއަށް އޮތް ހަމްދަރުދީ ރަމްޒުކޮށްދޭ ހަރަކާތެއް." އެސްޓީއޯއިން ބުންޏެވެ.
އެ ގައުމަށް ފައިސާގެ އެހީގެ ގޮތުގައި ދިވެހި ސަރުކާރުން ދޭން ނިންމި 50،000 އެމެރިކާ ޑޮލަރު ލަންކާ ސަރުކާރާ އިއްޔެ ވަނީ ހަވާލުކޮށްފައެވެ. އޭގެ އިތުރުން ޕީއެސްއެމްއިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ 'ސިލޯނާއެކު ދިވެހިން' ޓެލްތޯނުން ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ އިއްޔެ ހަވާލުކުރިއެވެ.
އެ ޓެލެތޯނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކޮށްފައިވަނީ ފުލުހުންގެ ފަރާތުންނެވެ. ފުލުހުން ވަނީ 2.4 މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާގެ އެހީއެއް ދިނީ ދިވެހި ސިފައިންގެ ފަރާތުންނެވެ. ސިފައިންގެ ފަރާތުން އެއް މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.
އޭގެ އިތުރުން މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތަކުންވެސް ވަނީ ފައިސާ ހަދިޔާކޮށްފައެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރިކުރާ ފަރާތްތަކުންވެސް ލަންކާއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ލަންކާއަށް އެރި ތޫފާނުގައި އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިހާތަނަށް 355 މީހުން މަރުވެ، 360 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އެގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.
ފާތިމަތު ލިއުޝާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ