ހެންވޭރު ދަނޑުގައި ކުރިއަށްދާ އެފްއޭއެމް އަންހެން ފުޓުބޯޅަ ލީގުގެ ދެވަނަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އެއްވަރުވެއްޖެއެވެ.

އިއްޔެ ހަވީރު ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މިފަހަރު އެފްއޭއެމްއިން އަންހެން ފުޓުބޯޅަ ލީގެއް ފަށާފައި ވަނީ ގިނަ ދުވަސްތަކަކަށްފަހުއެވެ. މީގެ ކުރިން 2014 ވަނަ އަހަރަށްފަހު ރާއްޖޭގައި ރަސްމީ ސިފައެއްގައި އަންހެން ފުޓުބޯޅަ މުބާރާތެއް ބޭއްވިގެން ގޮސްފައެއް ނުވެއެވެ.

އެ މެދުކެނޑުމަށްފަހު އިއްޔެ ހެންވޭރު ދަނޑުގައި އަންހެން ފުޓުބޯޅަ ލީގު ފެށީ ހަ ޓީމާއެކުގައެވެ. އެއީ އޮޑި ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި، ބިސް ބުރު ސްޕޯޓްސް ކްލަބެވެ.

އިއްޔެ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ފުރަތަމަ މެޗުން ވިކްޓްރީ މޮޅުވެފައިވާ އިރު، އިއްޔެ ކުޅުނު މެޗުގެ ކުރީކޮޅުގައި ނިއުއިން ލީޑު ނެގިއެވެ. އެޓީމުގެ ގޯލް ޖަހައިދިނީ ފާތިމަތު ފައިހާ އަލީ ހަސަނެވެ. އެ ގޯލާކު ނިއު މެޗުން މޮޅުވާން ދަނިކޮށް، ފަހު ހާފުގައި އޮޑިން އެއްވަރުކުރީ 57 ވަނަ މިނެޓުގައެވެ.

އޮޑީގެ ހަމައެކަނި ގޯލް ޖަހައިދިނީ ފާތިމަތު ތީބާއެވެ. އެ ގޯލަކީ އޭނާ ބަދަލަކަށް ކުޅެން ނުކުމެ ޖެހި ގޯލެކެވެ.