ރާއްޖޭގައި އިންވެސްޓުކުރުމުގެ މަޝްވަރާތަކަށް ސައުދީ އަރަބިއްޔާގެ ބޮޑެތި ވިޔަފާރިތައް ހިމެނޭ ވަފުދެއް ރާއްޖެ އަތުވެއްޖެ އެވެ.

ސައުދީގެ އިންވެސްޓްމަންޓްސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ޑެޕިއުޓީ މިނިސްޓަރު، ސާރާ އަލް ސައީދު އިސްކޮށް ހުންނެވި އެ ވަފުދު ރާއްޖެއަށް އައީ އިއްޔެ މެންދުރުގެ ވަގުތެއްގަ އެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުނީ، ތިން ދުވަހުގެ މި ދަތުރުގައި އެ ވަފުދުން ދެ ގައުމު ދެމެދުގައި އިންވެސްޓްމަންޓުތައް ފުޅާކުރުމާމެދު ސަރުކާރާއެކު މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ސައުދީ ސަރުކާރުގެ ވެރިންވެސް ހިމެނޭ އެ ވަފުދަށް އަމާޒުކޮށްގެން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށް އިންވެސްޓް ފޯރަމެއްވެސް ބާއްވާނެ އެވެ. ނަމަވެސް އެ ފޯރަމް ބާއްވާނެ ދުވަހެއް އަދި ޔަގީނެއް ނޫނެވެ.

ރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހުގައެވެ

ސައުދީއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށްވެސް އެ ގައުމުން ވަނީ އެހީ ދީފައެވެ.

މީގެ އިތުރުން ދަތުރުފަތުރާއި ސިއްހަތާއި ބޯހިޔާވަހިކަމާއި މަސްވެރިކަން ފަދަ ދާއިރާތަކަށް ވެސް ބޮޑެތި އެހީތައް ދީފައިވެއެވެ.