ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުއްވި ޑރ. ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ވަނީ އެކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ރާއްޖެއިން ބޭރަށް ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހުއްޓައެވެ.

ފުލުހުން އިއްޔެ 'ވަން'އަށް ބުނީ ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ އެ މައްސަލަ ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށެވެ.

ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ސުވާލުކުރުމަށްޓަކައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޔުނިޓަށް ވެސް މިއަަދު އޭނާ ހާޒިރުކުރިއެވެ.

އެ މައްސަލައާ ގުޅިގެން، ޓްރެވެލް ގައިސް އިން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ހުސައިން ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވުމާއެކު، އެ ކުންފުނީގައި އޮތް އޭނާގެ ހިއްސާ އަތުލަައި ކުންފުނިން ވަކިކުރަން ނިންމި ކަމަށެވެ.

".. ގޯނާ އާއި ނާޖާއިޒު ފައިދާ ނެގުމާއި މިފަދަ އެންމެހާ ނުރަނގަޅު އަމަލުތަކަކީ މި އެޖެންސީން އަބަދު ވެސް ދެކޮޅު ހަދާ ކަންކަން ކަމަށެވެ. މި ހިއްސާތައް އޮންނާނީ ކުންފުނީގެ ތެރޭގައެވެ. މިކަމުގައި ގާނޫނީ އަދި ކޯޕަރޭޓް ގަވާނެންސްގެ ދަށުން ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ފުރިހަމަ ކުރާނަމެވެ،" ޓްރެވެލް ގައިސް އިން ބުނެފައިވެއެވެ.

ޓްރެވެލް ގައިސް އިން ބުނެފައިވަނީ، ޓްރެވެލޫޝަން މީޑިއާގެ މާލީ އިދާރީ އަދި ސްޓްރެޓެޖިކް ހުރިހާ ކަމެއް ކުރަމުން އަންނަނީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި އެހެންކަމުން އެ މީޑިއާ ހިންގުމުގައި ސަނީ ބައިވެރިވާ ކަމަށް ބުނެ ފަތުރާފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

"އެ ތުހުމަތުތަކަކީ ވަރަށް ސީރިއަސް އަދި ސަނީ އުމަރަށް ކުރެވޭ ފަރުދީ ތުހުމަތުތަކެއް" ޓްރެވެލް ގައިސްއިން ބުންޏެވެ.

ސަނީ އުމަރަކީ ޓޫރިޒަމް މީޑިއާގެ އިތުރުން ވިޔަފާރި މައިދާނުގައި ވެސް މުހިންމު މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.