ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދެ މީހެއްގެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި ރަސްމީ ހައިސިއްޔަތުގެ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާކޮށްފައިވަނީ މ. ފެހިވިދުވަރުގެ، އިސްމާއިލް ޝަމްއޫނާއި، ޏ. ފުވައްމުލައް، ހޯދަޑު، މައިޒާން، މަރްޔަމް ދީނާ ސާލިހުގެ މައްޗަށް ކަމަށެވެ.

އެ ކުށުގެ އަސާސީ އަދަބަކީ އެއް އަަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ ދައުވާ ކޮށްފައިވަނީ މަރްޔަމް ދީނާ ސާލިހު، ފެނަކައިގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރުގެ ގޮތުގައި ހުރެ އަދި އިސްމާއީލް ޝަމްއޫން ފެނަކައިގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓްގެ ހެޑުގެ ގޮތުގައި ހުރެ، 25 ޖޫން 2018 ދުވަހު ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމަކާއި، ހެޑް އޮފީހުގައި ކޮމާންޑް ސެންޓަރަކާއި، އަދި ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ކެއިރެޓްސޫ ކުންފުނިން ފެނަކައަށް ލިބެންޖެހޭ މުދާ ހަމައަށް ނުލިބެނީސް އެ މުދަލަށްވާ ފައިސާ އެ ކުންފުންޏަށް ލިބިދިނުމުގައި އެ ދެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީކަމަށް ޕީޖީ އޮފީހުން ބުންޏެވެ.