އުރީދޫ މޯލްޑިވްސް އިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫ މޯލްޑިވްސްގެ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ އިރު، އެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.
އުރީދޫން ވަނީ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ވެސް އިއުލާންކޮށްފައެވެ. އެއީ؛
- އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށްވެ، އެ ފަރާތުގެ ނަމުގައި މަދުވެގެން 50 ހިއްސާ ހުރުން ނުވަތަ ގާނޫނީ ޝަހުސެއްގެ ފަރާތުން ހުށަހަޅާ ފަރާތެއްނަމަ، އެ ގާނޫނީ ޝަހުސުގެ ނަމުގައި މަދުވެގެން 50 ހިއްސާ ހުރުން (ގާނޫނީ ޝަހުސެއްގެ ފަރާތުން ހުށަހަޅާނަމަ ބޯޑުގެ ގަރާރު ހުށަހަޅަންވާނެ).
- އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ކުރިން މަދުވެގެން ތިން މަސް ދުވަސް ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ ފަރާތެއްކަމުގައިވުން.
- ކުންފުނީގެ ގާނޫނު އަދި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އާންމުކޮށްފައިވާ "ކޯޕަރަޓް ގަވަނަންސް ކޯޑް" ("ސީ.ޖީ. ކޯޑް") ގައި ބަޔާންކުރެވިފައިވާ ފެންވަރުތަކާއި ޝަރުތުތައް (އިންޑިޕެންޑެންޓް ޑިރެކްޓަރުގެ ޝަރުތު ހިމެނޭގޮތަށް) ހަމަވާ ފަރާތެއް ކަމުގައިވުން.
- ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އާންމުކޮށްފައިވާ ލިސްޓަޑް ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕާ" މިންގަނޑުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވުން.
- ބައިނަލްއަގުވާމީގޮތުން ބަލައިގަންނަ ޔުނިވާސިޓީއަކުން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތެއް ކަމުގައިވުން.
- ދިވެހިރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ސަރުކާރު ނުވަތަ ޕްރައިވެޓް ސެކްޓާގައި، އިސް މަގާމެއްގައި މަދުވެގެން ދިހަ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
- މަދުވެގެން އެއް އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމާއެކު، ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ހިދުމަތުގެ ރެކޯޑު ފެންނަން އޮތުން.
- މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން، ދެ ލިސްޓެޑް ކުންފުންޏަށްވުރެ ގިނަ ކުންފުނީގައި ބޯޑު ޑިރެކްޓަރުގެ މަގާމު މިވަގުތު އަދާކުރަމުންދާ ފަރާތަކަށް ނުވުން.
- އުރީދޫ މޯލްޑިވްސްގެ ކޮމްޕެޓިޓާއެއް ނުވަތަ ރެގިއުލޭޓަރެއްގެ ބޯޑުގައި މަސައްކަތްކޮށްފައިވާ ފަރާތަކަށް ނުވުން. ނަމަވެސް މިފަދަ މަގާމެއްގައި ކޮމްޕެޓިޓާއެއް ނުވަތަ ރެގިއުލޭޓަރަކާއެކު މަސައްކަތްކޮށްފައިވާ ނަމަ، އެ މަގާމުން ވަކިވެފައިވާތާ މަދުވެގެން 12 މަސް ދުވަސްވުން.
- އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓާއެއް ނުވަތަ ރެގިއުލޭޓަރެއްގެ މުވައްޒަފެއްގެ ގޮތުގައި މިވަގުތު މަސައްކަތްކުރަމުންދާ ފަރާތަކަށް ނުވުން.
- އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓާއެއް ނުވަތަ ރެގިއުލޭޓަރެއްގެ މުވައްޒަފެއްގެ ގޮތުގައި ފާއިތުވީ 12 މަސްދުވަހުގެ ތެރޭގައި މަސައްކަތްކޮށްފައިވާ ފަރާތަކަށް ނުވުން.
- އާއިލާ (ކައިވެނިކޮށްގެން އުޅޭ ފަރާތް އަދި ދަރިން) ގައި ހިމެނޭ އެއްވެސް ފަރާތެއް އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓަރެއްގެ ވަޒީފާ މިވަގުތު އަދާކުރަމުން ނުދިއުން.
- އެއްވެސް ކަހަލަ ކޮންފްލިކްޓް އޮފް އިންޓަރެސްޓެއް ނެތުން. އަދި ކަންކަމުގައި އިންޑިޕެންޑެންޓް އަދި އިމްޕާޝަލް ނިންމުންތައް ނިންމުމުގެ ގާބިލުކަން ހުރި ފަރާތަކަށްވުން.
- އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމެޓީގެ ނަޒަރުގައި، ބޯޑު ޑިރެކްޓަރެއްގެ މަގާމު ފުރުމުގެ ގާބިލުކަން ލިބިފައިވާ ފަރާތަކަށްވުން. މީގެ ތެރޭގައި ތިރީގައިވާ ބަޔާންކުރެވިފައިވާ ކަންކަން ހިމެނޭނެ.
- ފަންނީ ގޮތުންނާއި އަމިއްލަ ހައިސިއްޔަތުން ކުރާ މުއާމަލާތްތައް ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު ކުރާ ފަރާތަކަށްވުން.
- އެކަށީގެންވާ ނިންމުންތައް ނިންމުމުގެ ހިކުމަތްތެރިކަމާއި ގާބިލުކަން ހުރުން.
- މާލީ ރިޕޯޓުތަކާއި އެހެނިހެން ރިޕޯޓުތައް ކިޔައި ދޭހަވުމުގެ ގާބިލުކަން ހުރުން.
- ކުންފުނި ހިންގުމާއި ބެލެހެއްޓުމުގައި އެކަށީގެންވާ ގޮތެއްގައި އެހީތެރިވެދެވޭނެ ފަރާތަކަށްވުން. މިގޮތުން ވިޔަފާރީގެ ދާއިރާގައި ހޯދާފައިވާ ތަޖުރިބާއާއި ހާސިލުކޮށްފައިވާ ނަތީޖާ/ކުރިއެރުންތަކުގެ ރެކޯޑު ފެންނަން އޮތުން.
- އެހެނިހެން ފަރާތްތަކާއެކު މަސައްކަތްކުރުމުގައި ޒިންމާދާރުކަމާއި ހަރުދަނާކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން ހުރުން.
- ކުންފުނީގެ ހިންގުމުގެ ސްޓެންޑާޑް މަތީ ފެންވަރެއްގައި ހިފަހައްޓައި ހާސިލުކުރުމަށްޓަކައި ކުންފުނީގެ މުވައްޒަފުންނާ މުއާމަލާތްކޮށް މަޝްވަރާކުރުމުގެ ގާބިލުކަން ހުރުން.
- ތަފާތު އެކި ދާއިރާތަކުގެ ހުނަރުވެރިކަމާއި ތަޖުރިބާގެ ރިކޯޑު ފެންނަން އޮތުމާއެކު ކުންފުނީގެ ކުރިމަގާ މެދު ސްޓްރެޓީޖިކްކޮށް މުސްތަޤްބަލަށް ވިސްނުން ބެހެއްޓުމުގެ ގާބިލުކަން ހުރުން.
އުރީދޫން ބުނީ އެ ކުންފުނީގެ ބޯޑުގައި ޖެންޑާ ޑައިވާސިޓީ ހިމެނުމަށް ބާރުއެޅުމުގެ ގޮތުން ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަކީ މަރުހަބާ ކިޔައި ހިތްވަރުދޭ ކަމެއް ކަމަށެވެ.
ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމެޓީން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެއެވެ. އަދި އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއި އެޖެންޑާއާއެކު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިހާބުކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު އިއުލާނުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އުރީދޫ މޯލްޑިވްސްގެ ހިންގާ ގަވާއިދުގެ 102 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރު އެ މަގާމުގައި ދެމިހުންނާނީ ޑިރެކްޓަރުކަމަށް އިންތިހާބުކުރެވޭ އަހަރީ އާންމު ޖަލްސާއިން ފެށިގެން ތިންވަނަ އަހަރީ އާންމު ޖަލްސާގެ ނިމުމާ ހަމައަށެވެ. އެހެންކަމުން، އަންނަ އަހަރުގެ މާޗު މަހުގައި ބާއްވާ އަހަރީ އާންމު ޖަލްސާގައި އިންތިހާބުކުރާ ޑިރެކްޓަރު، އެ މަގާމުގައި ދެމިހުންނާނީ 2028 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ ނިމުމާ ހަމައަށެވެ.
އުރީދޫން ބުނީ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް އިން ނުވަތަ ނުވަތަ މި "ލިންކު" އިން ލިބޭނެ ކަމަށެވެ.
އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހެނީ ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސް (ގްރައުންޑް ފްލޯ) އަށެވެ. އަދި ފޯމު އީމެއިލް ކުރާނަމަ، އީމެއިލްކުރަން ޖެހެނީ [email protected] އަށެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އަހަރުގެ ޖެނުއަރީ ހަތަރުވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް