ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ސްރީ ލަންކާއަށް އެހީތެރިވުމަށް ތިން ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ތޫފާން "ދިތުވާ" އާ ގުޅިގެން އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެގައުމަށް ބޮޑެތި ގެއްލުންތަކެއްވެ، ގިނަ ބަޔަކު މަރުވުމާއެކު އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ، އެގައުމަށް އެހީތެރިވުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ ފަންޑަށް ޕީއެންސީ ޕީޖީ ގްރޫޕުގެ ފަރާތުން މިއަދު ވަނީ ތިން ލައްކަ ރުފިޔާ ހަދިޔާކޮށްފައެވެ.

ޕީއެންސީ ޕީޖީ ގްރޫޕުގެ ފަރާތުން ޕީއެސްއެމްއާ ތިން ލައްކަ ރުފިޔާގެ ރަމްޒީ ޗެކު ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީ ޕީޖީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. އެބޭފުޅުންގެ އިތުރުން ވެސް ޕީއެންސީ ޕީޖީ ގްރޫޕުގެ އެހެން މެންބަރުން ވެސް އެ ހަފުލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ޓެލެތޯންގެ ފަންޑަށް ފައިސާ ހަދިޔާކުރުމަށްފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ލަންކާއާއި ރާއްޖެއަކީ، އެއްބަނޑު އެއްބަފާ ގުޅުމެއް އޮތް ދެ ގައުމު ކަމަށާއި ލަންކާއަށް އެހީވުމުގައި ވެސް އެންމެ ފުރަތަމަ އިސްނެގި ގައުމަކީ ރާއްޖެ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު، އަވަށްޓެރި ގައުމުތަކާއެކު ގުންގުޅުއްވާ ހާރިޖީ ސިޔާސަތުގެ ވަރުގަދަކަން އެކަމުން ދައްކުވައިދޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ލަންކާއަށް އެހީވުމަކީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކޮންމެ މީހަކު ވެސް ބައިވެރިވާން ޖެހޭ ކަމަށާއި އެއީ އިންސާނީ ވާޖިބެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީ ޕީޖީ ގްރޫޕުގެ ލީޑަރު ފަލާހު ވިދާޅުވީ ޕީޖީ ގްރޫޕުގެ ފަރާތުން ދޭ އެ އެހީއަކީ ދާއިރާތަކުގެ ރައްޔިތުންނާއި ދިވެހި ރައްޔިތުންގެ ނަމުގައި ދޭ އެހީއެއް ކަމަށެވެ. އަދި މި ހާލަތުން ލަންކާ އަރައިގަނެ، ގައުމު އާރާސްތުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

ޕީއެސްއެމްގައި މި ޓެލެތޯން ކުރިއަށްގެންދަނީ މިއަދު ހެނދުނު 9:00 އިން މިރޭ މެންދަމު 1:00އާ ހަމައަށެވެ. އެ ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ދިވެހި ރައްޔިތުންނަށާއި ޖަމްއިއްޔާތަކަށާއި ޖަމާއަތްތަކަށާއި ކްލަބްތަކަށާއި އޮފީސްތަކަށް ވެސް ވަނީ ހުޅުވާލައިފައެވެ.

ޕީއެސްއެމުން ބުނީ އެ ޓެލެތޯނަށް ފައިސާ ހޯދުމަށް އެހީވުމަށް، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވާ ކަމަށެވެ. އެކަމަށް ފަސޭހަ ކުރުމަށް ކިއުއާރު ކޯޑް ސްކޭންކޮށްގެން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އޭގެ އިތުރުން ބީއެލްއެލް އެކައުންޓަކާއި ޑޮލަރު އެކައުންޓެއްވެސް ވަނީ ހުޅުވައިފައެވެ. އަދި އެ ޓެލެތޯނަށް ލިބޭ ފައިސާ ޖަމާކުރުމަށް ހާއްސަ އެކައުންޓެއް ހަދާފައިވާ އިރު، އެކަން ކުރިއަށްގެންދަނީ މިނިވަން އޮޑިޓް ފާމެއްގެ ބެލުމުގެ ދަށުން ދެފުށް ފެންނަ ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެގޮތަށް، ކްރޯ މޯލްޑިވްސްއިން ކަމަށް ވެސް ޕީއެސްއެމުން ބުންޏެވެ.

މިހާރުވެސް ގިނަ އަދަދަދެއްގެ ދިވެހި އާއިލާތައް ދިރިއުޅޭ ރާއްޖޭގެ އަވަށްޓެރި ލަންކާއަކީ ދިވެހިން އާންމުކޮށް ދަތުރުކުރާ އެއްގައުމެވެ. އެކިއެކި ބަލިތަކަށް ފަރުވާހޯދުމަށާއި ޗުއްޓީ ހޭދަކޮށްލުމަށާއި އަދި ރަސްމީ ދަރުތުތަކުގައި ވެސް ލަންކާއަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ މަންޒިލަކަށް ވަނީ ވެފައެވެ.

ޕީއެސްއެމުން މައުލޫމާތުދޭގޮތުގައި "ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ ފަންޑަށް މިހާތަނަށް ވަނީ 1.7 މިލިއަން ރުފިޔާ އާއި 37،800 އަށްވުރެ ގިނަ ޑޮލަރު ލިބިފައެވެ.

ޓެލެތޯނަށް އެހީވުމަށް

  • ބީއެމްއެލް ޓްރާސްފާ ނަމްބަރު (ރުފިޔާ) 7730000796107
  • ބީއެމްއެލް ޓްރާސްފާ ނަމްބަރު (ޑޮލަރު) 7730000796106