ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުއްވި ޑރ. ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު 'ވަން'އަށް ބުނީ އެ މައްސަލަ ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ޓްރެވެލް ގައިސް އިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނީ، ހުސައިން ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވުމާއެކު، އެ ކުންފުނީގައި އޮތް އޭނާގެ ހިއްސާ އަތުލަައި ކުންފުނިން ވަކިކުރަން ނިންމި ކަމަށެވެ.

".. ގޯނާ އާއި ނާޖާއިޒު ފައިދާ ނެގުމާއި މިފަދަ އެންމެހާ ނުރަނގަޅު އަމަލުތަކަކީ މި އެޖެންސީން އަބަދު ވެސް ދެކޮޅު ހަދާ ކަންކަން ކަމަށެވެ. މި ހިއްސާތައް އޮންނާނީ ކުންފުނީގެ ތެރޭގައެވެ. މިކަމުގައި ގާނޫނީ އަދި ކޯޕަރޭޓް ގަވާނެންސްގެ ދަށުން ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ފުރިހަމަ ކުރާނަމެވެ،" ޓްރެވެލް ގައިސް އިން ބުންޏެވެ.

ޓްރެވެލް ގައިސް އިން ބުނި ގޮތުގައި، ޓްރެވެލޫޝަން މީޑިއާގެ މާލީ އިދާރީ އަދި ސްޓްރެޓެޖިކް ހުރިހާ ކަމެއް ކުރަމުން އަންނަނީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި އެހެންކަމުން އެ މީޑިއާ ހިންގުމުގައި ސަނީ ބައިވެރިވާ ކަމަށް ބުނެ ފަތުރާފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

"އެ ތުހުމަތުތަކަކީ ވަރަށް ސީރިއަސް އަދި ސަނީ އުމަރަށް ކުރެވޭ ފަރުދީ ތުހުމަތުތަކެއް" ޓްރެވެލް ގައިސްއިން ބުންޏެވެ.

ސަނީ އުމަރަކީ ޓޫރިޒަމް މީޑިއާގެ އިތުރުން ވިޔަފާރި މައިދާނުގައި ވެސް މުހިންމު މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.