އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމު ވަގުތީގޮތުން އަދާކުރަން ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު, އިންތިހާބު ވެއްޖެ ކަމަށް އެ ޕާޓީން ނިންމި ނަމަވެސް އެ މަގާމު ދޫކޮށްލަން އޭނާ މިއަދު ނިންމައިފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި, ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވި ވަހީދު އެ މަގާމަށް ގެންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގި ވޯޓުގެ ނަތީޖާއާ މެދު ސުވާލު އުފެދި އެ ބައްދަލުވުން ހޫނުވެގެން ފަހުން ވަނީ ނިންމާލައިފައެވެ.
އެ މަޖިލިސް ހޫނުވީ، އެ މަގާމަށް ވަހީދު ހޮވުމަށް 48 ވޯޓް ބޭނުންވާ އިރު, އެ ރޭ ލިބުނީ 47 ވޯޓް ކަމަށް ސެކެޓްރިއޭޓުން އިއުލާން ކުރުމާއެކުއެވެ. ނަމަވެސް ފަހުން އެމްޑީޕީން ވަނީ ވަހީދަށް 28 ވޯޓު ލިބިފައިވާ ކަމަށާއި ވަގުތީ ޗެއާޕާސަންގެ މަގާމަށް އޭނާ އިންތިހުބު ވެފައިވާ ކަމަށް ނިންމައިފައެވެ.
ނަމަވެސް ވަހީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އޭނާ އެ މަގާމަށް ކުރިމަތި ލެއްވުމަށް ނިންމެވީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ މެންބަރަކު ގުޅުއްވައި އެކަމަށް އެދިވަޑައިގަތުމުން ކަމަށާއި އެ ހުށަހެޅުން އައުމާއެކު ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޕާޓީގެ އެޑްވައިޒަރު, އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ލަފާ ހޯއްދެވި ކަމަަށާއި ދެ ބޭފުޅުން ވެސް ލަފާ ދެއްވީ އެކަމުގައި ކުރިއަށް ދިއުމަށް ކަމަށެވެ. ނަމަވެސް ދެ ބޭފުޅުންނާއި ޕާލަމެންޓްރީ ގުރޫޕުގެ ބޭފުޅުން ފަހުން އަމަލު ކުރެއްވީ ވިދާޅުވިގޮތާ ހިލާފަށް ކަމަށް ވަހީދު ވިދާޅުވިއެވެ.
އެހެންވެ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަން ދޫކޮށްލަން ނިންމާފައިވާ ކަމަށާއި އޭނާއަށް ވޯޓު ދެއްވި އެންމެހާ މެންބަރުންނަށް ޝުކުރު އަދާކުރާ ކަމުގައިވެސް ވަހީދު ވިދާޅުވިއެވެ.
އަލީ ޔާމިން
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ