ޖީއެސްޓީގެ ގޮތުގައި 1،639،746.00 ރުފިޔާ ދެއްކުމަށް ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.

މިއީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ސްޓްރާޑާއިން، ޓެކްސް ނެގޭ މުއްދަތުތަކާ ގުޅިގެން މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 1،639،746 ރުފިޔާ ކަނޑައަޅައިފައިވާ ތާރީހަށް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދައްކާފައިނުވުމުން، ޖީއެސްޓީގެ ފައިސާ އެކީ އެއް އެއްފަހަރާ ހޯދުމަށް އެދި ސްޓާރާޑާއަށް ރައްދުވާ ގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގެ ދައުވާ ފޯމު ސްޓާރާޑާއާ ހަވާލުކުރަން މަސައްކަތް ކުރުމުގެ ގޮތުން ދައުވާ ފޯމުގައިވާ އެޑްރެހަށް ދައުވާގެ ފޯމު ފޮނުވުމުން ދައުވާ ފޯމު ރައްދުވެފައިނުވެއެވެ. އަދި ސްޓާރާޑާއާ ފޯނުން ގުޅޭގޮތް ވެސް ވެފައިނުވެއެވެ. މީރާގެ ފަރާތުން ކޯޓަށް މައުލޫމާތު ދެމުން ބުނެފައިވަނީ ދައުވާ ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެސް ފިޔަވައި އިތުރު އެޑްރެހެއް ނޭނގޭ ކަމަށެވެ.

އެހެންވެ ސިވިލް ކޯޓުން ވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުގެ 11:30 އަށް ދައުވާ ލިބޭ ކުންފުނީގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް ކޯޓަށް ހާޒިރުވުމަށާއި ކުންފުނީގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް ކޯޓަށް ހާޒިރުނުވެއްޖެނަމަ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދާނެކަން އިއުލާންކޮށްފައެވެ. އެ އިއުލާން ކުރިނަމަވެސް ސްޓާރާޑާގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވާނެ ފަރާތެއް ކޯޓަށް ހާޒިރުވެފައިނުވެއެވެ. އެހެންވެ ސްޓާރާޑާގެ އައިރު ހާޒިރުގައި މި މައްސަލަވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މައްސަލަ ބެއްލެވި ގާޒީ ހާފިޒާ އަބްދުއްސައްތާރު މައްސަލައިގެ ފާހަގަވި ކަންކަން ތަފުސީލުކޮށްދެމުން ވިދާޅުވީ ސްޓާރާޑާއަކީ 2014 އޮކްޓޫބަރު 01 ވަނަ ދުވަހު ޖީއެސްޓީ ދައްކާ ފަރާތެއްގައި ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ކަމަށް މީރާގެ ފަރާތުން ބުނެފައިވާ ކަމަށެވެ. ސްޓާރާޑާއަކީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ (ހ) ގެ ދެ ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަހެެއްގެ ތެރޭގައި އެއް މިލިއަން ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ކުންފުންޏެެއް ކަމަށެވެ.

ސްޓާރާޑާ ކުންފުނިން ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތަފުސީލުތައް:

  • 2018 ނޮވެމްބަރު މަހު ދައްކަންޖެހި ނުދައްކައިވާ 35،572 ރުފިޔާ
  • 2018 ޑިސެމްބަރު މަނު ނުދައްކައިވާ 45،424 ރުފިޔާ
  • 2019 ޖެނުއަރީ މަހު ނުދައްކައިވާ 90،375 ރުފިޔާ
  • 2019 ފެބްރުއަރީ މަހު ނުދައްކައިވާ 197،513 ރުފިޔާ
  • 2019 މާޗު މަހު ނުދައްކައިވާ 260،932 ރުފިޔާ
  • 2019 އެޕްރީލް މަހު ނުދައްކައިވާ 285،925 ރުފިޔާ
  • 2019 މޭ މަހު ނުދައްކައިވާ 288،126 ރުފިޔާ
  • 2019 ޖޫން މަހު ނުދައްކައިވާ 210،035 ރުފިޔާ
  • 2019 ޖުލައި މަހު ނުދައްކައިވާ 122،057 ރުފިޔާ
  • 2019 އޮގަސްޓު މަހު ނުދައްކައިވާ 91،963 ރުފިޔާ
  • 2019 ސެޕްޓެމްބަރު މަހު ނުދައްކައިވާ 5،463 ރުފިޔާ
  • 2019 ނޮވެމްބަރު މަހު ނުދައްކައިވާ 3،345 ރުފިޔާ
  • ޖުމްލަ: 1،639،746.00 ރުފިޔާ

ގާޒީ ވިދާޅުވީ އިއުލާންއާ އެއްގޮތަށް ސްޓާރާޑާގެ ފަރާތުން ކޯޓަށް ހާޒިރުވެފައި ނުވުމުން، މައްސަލަ ކުރިއަށް ގެންދަން އެދޭގޮތަކާއި އަދި އިތުރު ލިޔުމެއް ހުށަހަޅަން އެދޭނަމަ އެ ލިޔުމެއް ހުށަހެޅުމަށް ދިން ފުރުސަތުގައި ސްޓާރާޑާއިން ވަނީ ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދިފައި ކަމަށެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ 1،639،746 ރުފިޔާ އެކީ އެއް ފަހަރާ ދެއްކުމަށް ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެ ކުންފުނީގެ ފަރާތުން އެދިފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންވެ ގާޒީ ހުކުމްކުރެއްވީ ޖީއެސްޓީގެ ގޮތުގައި 1،639،746 ރުފިޔާ ޖީއެސްޓީގެ ގޮތުގައި ސްޓާރާޑާއިން، މީރާ ދައްކަން ޖެހޭކަން ސާބިތުވާ ކަމަށާއި އެ ފައިސާ 15 ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސްކުރުމަށް ސްޓާރާޑާއަށް އަންގައި އައިރު ހާޒިރުގައި ހުކުމްކުރާ ކަމަށެވެ.