އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެމްޕެއިން މެނޭޖަރަކަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ހަމަޖައްސައިފި އެވެ.

އެ މަގާމަށް ފަލާހު ހަމަޖައްސާފައިވާކަން ޕީއެންސީގެ އިސް އޮފިސަރަކު ވަނީ "ވަން" އަށް ކަށަވަރުކޮށްދެެއްވައިފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ މާޗް 28 ވަނަ ދުވަހު އެވެ. އެ ދެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމަށް ނިންމާފައިވަނީ ޖެނުއަރީ 17 ގަ އެވެ.

އަންނަ އަހަރު ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބާއްވާއިރު ކައުންސިލުތަކާއި ޑަބްލިއުޑީސީ ތަކުގެ މެންބަރުންގެ އަދަދު މަދުކުރަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހެޅި ބިލު، މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ގާނޫނުގެ 41 ވަނަ މާއްދާގައި މިހާރު އޮންނަގޮތުން، 10,000 މީހުންނާއި 30,000 މީހުންނާ ދެމެދުގެ އާބާދީއެއް ހިމެނޭ ސިޓީ ކައުންސިލްގައި މޭޔަރާއި ގާނޫނުގެ ދަށުން އިންތިހާބު ކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭ ގޮތުން ހަތް ގޮނޑީ ހިމެނޭނެއެވެ. އަދި 30,000 މީހުންނާއި 60,000 މީހުންނާ ދެމެދުގެ އާބާދީ ހިމެނޭ ކައުންސިލްގައި މޭޔަރާއި އިންތިހާބު ކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭ ގޮތުން ހިމެނޭނީ 13 ގޮނޑިއެވެ. އަދި 60,000 މީހުންނަށްވުރެ އިތުރު އަދަދެއްނަމަ، ކައުންސިލްގެ މޭޔަރާއި ގާނޫނުން އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭ ގޮތުން 19 ގޮނޑިއެވެ.

މި މާއްދާއަށް ހުށަހެޅި އިސްލާހު:

  • 10،000 މީހުންނާއި 25،000 މީހުންނާ ދެމެދުގެ އަދަދެއްނަމަ މޭޔަރާއި އިންތިހާބު ކުރަން ލާޒިމުކުރާ އަންހެން މެންބަރުން ހިމެނޭގޮތުން ހަތް ގޮނޑި.
  • 25،000 މީހުންނާއި 50،000 މީހުންނާ ދެމެދުގެ އަދަދެއްނަމަ 11 ގޮނޑި.
  • 50،000 އަށްވުރެ އިތުރު އަދަދެއްނަމަ 15 ގޮނޑި.

ނަމަވެސް މާލެ ސިޓީ އެކުލެވިގެންވަނީ ކައުންސިލްގެ މޭޔަރުގެ އިތުރުން މި ގާނޫނުގެ ދަށުން އިންތިހާބުކުރަން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭގޮތުން، ގާނޫނުއަސާސީ އާއި ގާނޫނުގެ ދަށުން މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިިލީހުގެ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ ގޮނޑީގެ ނިސްބަތުން އިންތިހާބު ކުރާ މެންބަރުންގެ މައްޗަށް ކަމަށް ކަނޑައަޅަން ބިލްގައި ވަނީ ހިމަނައިފައެވެ. އަދި ޏ. ފުވައްމުލަކަކީ އެއްފަސްކޮށް އޮތް އަށް އަވަށުގެ މައްޗަށް އެކުލެވޭ އިދާރީ ދާއިރާއަކަށްވެފައި، ކޮންމެ އަވަށެއް އިދާރީގޮތުން ވަކި ރަށެއްގެ ގޮތުގައި ބެލެވެމުން އައިސްފައިވުމާއެކު ފުވައްމުލަކު ސިޓީ ކައުންސިލަށް މެންބަރުން އިންތިހާބު ކުރާނީ، މޭޔަރުގެ އިތުރުން ގާނޫނުން ލާޒިމުކޮށްފައިވާ އަންހެން މެންބަރުން ހިމެނޭގޮތުން ކޮންމެ އަވަށަކުން އެއް ގޮނޑީގެ ނިސްބަތުން އިންތިހާބުކުރާ މެންބަރުންގެ މައްޗަށްކަމަށް ކަނޑައަޅަންވެސް ހިމަނާފައިވެއެވެ.

ގާނޫނުގެ 24 ވަނަ މާއްދާގައި ރަށު ކައުންސިލްތައް މިހާރު ކަނޑައަޅާފައި އޮންނަނީ 3000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ ފަސް މެންބަރުން ކަމަށެވެ. އަދި 3000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ހަތް މެންބަރުން ކަމަށެވެ.

ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ، ރަށު ކައުންސިލަށް އިންތިހާބު ކުރާނީ، އެ ކައުންސިލްގެ ރައީސް އާއި ގާނޫނުގައި ބުނަ އަންހެން މެންބަރު ހިމެނޭގޮތުން ތިން މެންބަރުން ކަމަށެވެ. އަދި 2000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ކައުންސިލް ރައީސް އާއި ގާނޫނުގައި ބުނާ އަންހެން މެންބަރުން ހިމެނޭގޮތުން ފަސް މެންބަރުން ކަމަށް ކަނޑައެޅުމަށެވެ.

މީގެ އިތުރުން ފަސް ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކުގައި ދެ އަންހެން ކައުންސިލަރުން، ހަތް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި ތިން އަންހެން ކައުންސިލަރުން ހިމެނެން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މާއްދާ އިސްލާހުކޮށް، ތިން ކައުންސިލަރުންގެ ހިމެނޭ ކައުންސިލްތަކުގައި އެއް އަންހެން ކައުންސިލަރު، ފަސް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި ދެ އަންހެން ކައުންސިލަރުން ތިބެން ޖެހޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

ޑަބްލިޔުޑީސީތައް ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮންނަނީ، ރަށެއްގައި ނަމަ، ފަސް މެންބަރުން ސިޓީއެއްގައި ނަމަ އެތަނެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީއަކީ 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދެއް ނަމަ ހަ މެންބަރުން، 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ އާބާދީތަކުގައި 10 މެންބަރުން، 60،000 އަށްވުރެ މަތިނަމަ 18 މެންބަރުން ކަމަށެވެ.

އެގޮތް އިސްލާހުކޮށް ރަށެއްގައި ނަމަ، ރަށު ކައުންސިލަށް އިންތިހާބުކުރާ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ މެންބަރުން، އަދި ސިޓީއެއްނަމަ، އެ ސިޓީ ކައުންސިލްގައި ހިމެނޭ މެންބަރުންގެ އަދަދަށް ޑަބްލިޔުޑީސީތަކަށް މެންބަރުން އިންތިހާބު ކުރަންޖެހޭގޮތަށް ބިލުގައި ވަނީ ހިމަނައިފައެވެ.

އަދި ޑަބްލިޔުޑީސީތަކުގެ ރައީސް އާއި ނާއިބު ރައީސް ހޮވާނީ ކޮމިޓީގެ މެންބަރުންގެ ތެރެއިން ނަގާ ވޯޓަކުން ކަމަށް އޮތް ގޮތް ބަދަލުކޮށް، ރައީސް އިންތިހާބު ކުރާނީ ކޮމިޓީ ނިސްބަތްވާ ރަށުގެ ނުވަތަ ސިޓީގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށާއި ނައިބު ރައީސް ހޮވާނީ ކޮމިޓީ މެންބަރުންގެ ތެެރޭގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ހެދުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވާތީ، ލާމަރުކަޒީ ގާނޫނުގައި ހިމެނޭ އަތޮޅު ކައުންސިލްތަކުގެ ބާބު ގާނޫނުން އުނިކުރަން މި ބިލުގައި ވަނީ ހުށަހަޅައިފައެވެ.