ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ޓީސީ ސްޕޯޓްސް ކްލަބް އަތުން 3-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބުން ލީގުގެ ދެވަނައިގައި ހަމަޖެހިލައިފިއެވެ.

ޓީސީން މިއަދުގެ މެޗަށް ނުކުތީ އާކޯޗު، މުހައްމަދު އާތިފް (އާތީ) ހަމަޖައްސައިގެންނެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި އޮޑި އަށް ލީޑުނަގައިދިނީ ލިތުއޭނިއާގެ ފޯވާޑް، ކަރޮލިސް ލައުކްޒެމިސްއެވެ. އޮޑިން ދެވަނަ ގޯލް ޖެހީ މެޗުގެ 37 ވަނަ މިނިޓުގައެވެ. އެ ގޯލަކީ، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި މުޒްދާން ހަސަން ޖެހި ގޯލެކެވެ.

މެޗުގެ 61 ވަނަ މިނިޓްގައި، އޮޑިން ތިން ވަނަ ލަނޑު ޖެހީ މުޒްދާން ތަނަވަސްކުރި ފުރުސަތެއްގައި، އަހުޒަމް ރަޝީދު (އަހު)އެވެ.

މެޗުގެ ފަހު ހާފުގައި އޮޑީގެ ކެޕްޓަން، މުހައްމަދު ރަޝީދު (ހޮކޭ) އަށް ސީރިއަސް އަނިޔާއެއްވުމާ ގުޅިގެން ގިނަ ވަގުތުތަކަކަށް މެޗުގެ ކުޅުން މެދުކަނޑާލާފައިވެއެވެ. ދަނޑުމަތިން ފިޓް ޖެހިގެން ހޮކޭއަށް ފަރުވާ ދީފައިވާ އިރު، އޭނާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިއަދުގެ މެޗުން މޮޅުވެ، އޮޑި ދެވަނައިގައި އޮތީ ނުވަ މެޗުން 22 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި މިވަގުތު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ 27 ޕޮއިންޓާއެކުގައެވެ.

ޓީސީ އޮތީ ނުވަ ވަނައިގައެވެ. އެއީ ނުވަ މެޗުން ފަސް ޕޮއިންޓާއެކުގައެވެ.