އެމްޑީޕީއަށް މި ވަގުތު ދިމާވެފައިވަނީ އުނދަގޫ ހާލަތެއް ކަމަށާއި އެ ކަމުން އަރައިގަންނަން މުޅި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތުމަށް ފަހު، ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ، މިދިޔަ ޖޫން މަހުގެ 23 ގައެވެ.
ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމުގައި އެމްޑީޕީ ބައިބައިވެފައިވާ އިރު، އަންނަ އަހަރު ބާއްވާ މާލެ ސިޓީގެ މޭޔަރުކަމުގެ ޕްރައިމަރީގައިވެސް އެމްޑީޕީ ތެރޭގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފައެވެ. .
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވި މައިގަނޑު އެއް ސަބަބަކީ ވެސް ނަޝީދާއި ކުރީގެ ރައީސް ސޯލިހާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުން އަރައި ނުގަނެވުން ކަމަށް ވިދާޅުވެފައިވާ އިރު، ވަގުތީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސްވެސް ހުއްޓާލީ ބޮޑު އަރައިރުމަކަށް ގޮސް ނިޒާމު ގެއްލުމުންނެވެ.
އެކަންކަމާ ގުޅިގެން އެކްސްގައި ނަޝީދު މިއަދު ވިދާޅުވީ، އެމްޑީޕީން ތަޖުރިބާކުރަމުންދާ އުނދަގޫ ދުވަސްތަކުން އަރައިގަނެވޭނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށެވެ.
"މިއަދު އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުން އެ ބުނަމުންދަނީ މުހިންމީ ޕާޓީގެ ޔުނިޓީ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.
އެއާ އެކު ނަޝީދު ވަނީ މޯޓަރުގަޑުބަޑުގެ ތާރީހުން، އޭރުގެ ކެބިނެޓުން ދެއްކި އެއްބައިވަންތަކަމުން މިސާލެއް ވެސް ނަންގަވައިފައެވެ.
"މޯޓަރު ބޯޓުގެ ގަޑުބަޑު (1993) ގައި އަމީން ދީދީ ވިދާޅުވީ އެންމެ މުހިންމީ ކެބިނެޓުގެ ޔުނިޓީ ކަމަށް. ކެބިނެޓުގެ އެކަކަށް ލިބޭ ގެއްލުމެއް އަނެކަކަށްވެސް ލިބެން ޖެހޭނެ ކަމަށް. ފަހުން ދެ ފަރީދާއި އަމީން ނޫން އެންމެން ޖެހުނީ މޯޓަރު ބޯޓުގައި ކޮޅުބަށް ދާން. ދެން އެތާ ކެބިނެޓް އެއް އަހަރު ތިބި،" ނަޝީދު ލިޔުއެއްވިއެވެ.
މީގެ އިތުރުން ނަޝީދު ވަނީ އެ ދުވަސްވަރު ދަރަވަންދޫގެ ހުސައިން ސަލާހު ލިޔުއްވި ޅެންބައިތެއް މިހާރުގެ ހާލަތާ މުނާސަބު ކަމަށް ވިދާޅުވެފައެވެ. އެއީ:،
އުނިކަން ނުވާ މާތް ދޫފުޅުން، އެ ދުވަހު ވިދާޅުވީ
ޔުނިޓީއަކީ ފަހެ ހަސަދަޔާ މަކަރަށް ނުވާނެ ބާ
އަލީ ޔާމިން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު