ޗެލްސީގެ އެންމެ މުހިއްމު ކުޅުންތެރިޔާ، އިންގްލެންޑްގެ ކޯލް ޕާމާ ފިޓް ވެއްޖެ ކަމަށް ޗެލްސީ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.
ޕާމާއަށް މި ސީޒަނުގެ ކުރީކޮޅު ވެގެން ގޮސްފައި ވަނީ އުނދަގޫ ދުވަސްތަކަކަށެވެ. ކުރީކޮޅުގައި ލިބުނު އަނިޔާ ދިގުލައިގެން ގޮސްފައިވާ އިރު، މިހާތަނަށް އޭނާ ފެނިގެން ގޮސްފައި ވަނީ އެންމެ ފަސް މެޗުގައެވެ.
ޕާމާގެ އުކުޅުވަޅަށް ލިބުނު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކަށް ކުޅުމާ ދުރުގާ ހުރުމަށްފަހު، މިދިޔަ ހަފުތާއަށް އެ އަނިޔާއިން ރަނގަޅުވި ނަމަވެސް، ފަހުން ޕާމާގެ ފައިގެ އިނގިއްޔަކަށް އަނިޔާވިއެވެ. އޭނާ ފައިގެ ބޮޑުވައި އިނގިއްޔަށް އަނިޔާވެފައި ވަނީ ގޭ ތެރެއިން ދިމާވި ކުޑަ ކަމަކުންނެވެ.
"ޕާމާ މިހާރު ހުރީ ފިޓްކޮށް. އަދި މެޗު ފަށަންވެސް އޭނާ ހުރީ ތައްޔާރަށް. މިހާރު ޕާމާ ހުރި ސްޓޭޖުން އަހަރެމެން އެންމެންވެސް މެޗަށް ނެރެން ހިތްހަމަ ޖެހޭ،" މަރެސްކާ ބުންޏެވެ.
"ޕާމާއަކީ ޗެލްސީގެ އެންމެ މުހިއްމު، އެންމެ މޮޅު ކުޅުންތެރިޔާ. އަަހަރެމެން ޕާމާ މެޗަށް ނެރުން ފަސް ކޮށްލީ 100 ޕަސެންޓް ރިކަވާ ކުރަން ވެގެން. އަހަރެމެންނަށް ޔަގީން ކްލަބުގެ ކުރިމަގަށް ޕާމާގެ ފަރާތުން ފުރިހަމަ ކާމިޔާބީތައް ލިބޭނެ ކަމަށް،" މަރެސްކާ ޕްރި މެޗު ޕްރެސްގައި އިތުރަށް ބުންޏެވެ.
ޕާމާގެ އުކުޅުވަޅަށް ފުރަތަމަ އަނިޔާވެފައި ވަނީ ކްލަބު ވޯލްޑް ކަޕަށްފަހު، ކްލަބުން ކުރިއަށް ގެންދިޔަ ޕްރި ސީޒަނުގައެވެ. އޭރުން ފެށިގެން ޕާމާ އަނިޔާގައި ހުރި އިރު، އޭނާއަށް މި ސީޒަންވެފައި ވަނީ އުނދަގޫ ސީޒަނަކަށެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ