އަންނަ އަހަރު އުތުރު އެމެރިކާގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެނަމަ، 1.74 މިލިއަން ޑޮލަރުގެ ބޯހަނެއް ޓީމަށް ދޭނެ ކަމަށް ކޮސޯވޯ ސަރުކާރުން އިއުލާނު ކޮށްފިއެވެ.

ކޮސޯވޯއިން މަސައްކަތް ކުރަމުން ދަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވުމަށެވެ. އެޓީމުން ޔޫއެފާ ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށް ނިންމާލީ ދެވަނައިގައެވެ. އެހެންކަމުން އެޓީމަށް ޖެހިފައި ވަނީ ކޮލިފިކޭޝަން ޕްލޭ އޮފްގައި ވާދަކުރާށެވެ.

ކޮސޯވޯއިން ޕްލޭ އޮފްގެ ފުރަތަމަ މެޗުގައި ސްލޮވާކިއާއާ ދެކޮޅަށް ނުކުންނަ އިރު، އެމެޗުން މޮޅުވެއްޖެނަމަ ފަހު މެޗުގައި ވާދަކުރަން ޖެހޭނީ ތުރުކީ ނޫނީ ރޮމޭނިއާއާ ދެކޮޅަށެވެ.

ކޮސޯވޯގެ ވަގުތީ ބޮޑުވަޒީރު އަލްބިން ކުރްތީ ވިދާޅުވެފައި ވަނީ ފުރަތަމަ މެޗުގައި ސްލޮވާކިއާ ބަލިކޮށްފި ނަމަ، 579،000 ޑޮލަރު ޓީމަށް ދެއްވާނެ ކަމަށެވެ. އަދި ކޮލިފިކޭޝަން ޔަގީންކޮށްފިނަމަ ބޯނަސްގެ ބާކީ ބައި ސަރުކާރުން ހަމަޖައްސަވާނެ ކަމަށްވެސް އޭނާ ވިދާޅުވެފައެވެ.

ކޮސޯވޯއަށް ޔޫއެފާ އަދި ފީފާ މެމްބަރުކަންވެސް ލިބިފައި ވަނީ 2016 ވަނަ އަހަރުއެވެ. އެގައުމުން މިނިވަންކަން އިއުލާނުކޮށްފައި ވަނީ 2008 ވަނަ އަހަރުއެވެ. އެއީ ސާބިއާ ކައިރިން މިނިވަން ވުމުންނެވެ.