ހޮންކޮންގައި ރޯވި ޓަވަރުތަކުން މަރުވި މީހުންގެ އަދަދު 75 އަށް އަރައިފިއެވެ.
ހޮންކޮންގެ ޓާއޯ ޕޯ ޑިސްޓްރިކްޓުގައި ހުންނަ އެޕާޓްމަންޓް ބިލްޑިންގައި މިދިޔަ ބުދަ ދުވަހު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ އިރު، އެ ހާދިސާގައި އިމާރާތުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ވަނީ ފަށައިފައެވެ.
ރެސްކިއު ޓީމުތަކުން ބުނީ މިހާތަނަށް 75 މީހުން މަރުވެފައިވާ ކަމަށް ރެކޯޑުތަކުން ދައްކާ ކަމަށާއި 70 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށެވެ.
އޮފިޝަލުން ވަނީ މީހުން ހޯދުމުގެ މަސައްކަތް ފުޅާކޮށްފައިވާ ކަމަށާއި އެ އިމާރާތުގެ ތެރޭގައި ތާށިވެފައިވަނީ ކިތައް މީހުން ކަމެއް އަދިވެސް ޔަގީން ނުވާ ކަމަށް ބުނެފައެވެ.
ޖުމުލަ 4000 އަށްވުރެ ގިނަ މީހުން ދިރިއުޅުނު ކަމަށް ބެލެވޭ އެ އިމާރާތް ހިމެނޭ ބްލޮކްތަކުގައި ރޯވި ވަގުތު އެތަނުން ނުކުތް މީހުންނަށް އެހީތެރިކަން ދިނުމަށް ހޮންކޮން ސަރުކާރުން ވަނީ ފަންޑެއް އެކުލަވާލައި މީހުންނަށް އެހީވުމަށް މަސައްކަތް ފަށައިފައެވެ.
އޮފިޝަލުން ބުނީ އެ ހާދިސާއާ ގުޅިގެން އެ އިމާރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތުގައި ހަރަކާތްތެރިވާ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންނާ ސުވާލުކޮށް ތަހުގީގު ފަށާފައިވާ ކަމަށެވެ.
މުހައްމަދު އައުޒަމް
ޗައިނާ
ޗައިނާ
ޗައިނާ
ޗައިނާ