ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމަށް، ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނައީމެވެ.

މިހާރު ގާނޫނު އޮތް ގޮތުން އަންނަ ބުދަ ދުވަހުގެ ކުރިން އެ ޗާޓަރު އެކުލަވާލައި ފާސްކޮށް އެއަށް އަމަލު ކުރަން ޖެހޭނެއެވެ.

އެ މާއްދާ އިސްލާހުކުރަން ހުށަހަޅާފައިވާ ބިލުގައި ވަނީ، ބިލުގައި މިހާރު އޮތް މުއްދަތު ދެ އަހަރަށް އިތުރުކުރުމަށެވެ. އެހެންކަމުން ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި ފާސްކޮށް ދެން އަމަލު ކުރަން ޖެހޭނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިނަކަށެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓުމެންޓު (ޕީއެސްއައިޕީ)ގެ ދަށުން ހިންގަން ރާވާ ޕްރޮގްރާމުތައް ބަޖެޓުގައި ހިމެނުމުގެ ކުރިން އެ ޕްރޮގްރާމުތަކުގެ ފީޒިބިލިޓީ ވަޒަންކޮށް، އެ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ އިގުތިސޯދީ އަދި މާލީ މަންފާ އާއި އިޖުތިމާއީ މަންފާގެ އިތުރުން ހަރަދުތަކާއި އެ ޕްރޮގްރާމުތަކުން ލިބިދާނެ ގެއްލުންތައް ދައުލަތުގެ ފިސްކަލް ޕޮލިސީ ކަނޑައަޅާއިރު ފިނޭންސް މިނިސްޓަރު ވަޒަން ކުރަންޖެހޭނެ ކަމަށް ބުނާ މާއްދާއަށްވެސް، އެ މުއްދަތުގައި އަމަލުކުރަން ނުޖެހޭނެކަމަށް ބިލުގައި ވަނީ ހިމަނައިފައެވެ.