ސްޓެލްކޯގެ ހުޅުމާލޭގެ ބާ އިންޖީނުގޭގައި މަސައްކަތް ކުރަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި ސްޓެލްކޯގެ މުވައްޒަފަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއާ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެ ހާދިސާގައި އެ ކުންފުނީގެ މުވައްޒަފަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ސްޓެލްކޯގެ ބާ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު މިއަދު ހުޅުމާލެ އާއި މާލެއިން ވަނީ ކަރަންޓު ކެނޑިފައެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލޭ ބާ އިންޖީންގެ (އެނެކްސް 1) ގެ މީޑިއަމް ވޮލްޓޭޖް ޕެނަލް އަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދޭން ބޭނުންކުރާ ބައެއް ފީޑާތައް އޮފްވެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި ނަމަވެސް ފީޑާތަށް އޮން ކޮށް މިހާރު ދަނީ ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދެމުން އަންނަ ކަމަށެވެ.