މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް އެ ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު އިތުރު ހުކުމެއް ތަންފީޒުކުރަން ނުޖެހޭ ގޮތަށް މައްސަލަ މިއަދު ނިންމައިފިއެވެ.

ރައުދުގެ މައްޗަށް ދައުލަތުން އުފުލީ، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ރައުދު އިތުރު ހުކުމެއް ތަންފީޒު ކުރަން ނުޖެހޭ ގޮތަށް މައްސަލަ ނިމުނީ، އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ އިއުތިރާފުވުމުން އޭނާގެ އަދަބު ލުއިކޮށްދިނުމުން، އޭނާގެ އަދަބު 27 ދުވަހުގެ ޖަލު އަދަބަކަށް ޝަރިއަތުން ލުއިކޮށްދިނުމުންނެވެ.

ރައުދު ވަނީ މައްސަލައިގެ ތަހުގީގީ މަރުހަލާގައި 27 ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުގައި ހުރެފައެވެ. އެހެންވެ، ކޯޓުން ހުކުން ބަންދުކޮށްފައި ހުރި މުއްދަތު، ހުކުމަށްވުރެ އިތުރުވުމުން އޭނާ ދެން އިތުރަށް ތަންފީޒު ކުރަން ޖެހޭ ހުކުމެއް ނެތީ ކަމަށް މިއަދު ވަނީ ހުކުމްކޮށްފައެވެ.

ޔުމްނު ވެއްޓިފައިވަނީ ރައުދު އާއެކު ފެންޓެނޯއީގައި އުޅެނިކޮށެވެ. އެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ބުނެފައިވަނީ ޔުމްނު ވެއްޓުމުގައި ރައުދު ނޫން މީހެއްގެ ބައިވެރިވުން ނެތް ކަމަށެވެ. ނަމަވެސް ޔުމްނުގެ އާއިލާއިން ވަނީ ރައުދުގެ އިތުރުން ހަތަރު މީހުން އެގޭގައި ތިބި ކަމަށް ޔުމްނު އާ ހަވާލާދީ ބުނެފައެވެ.