ސާދަވަނަ ސައުތު އޭޝިއަން ގޭމްސް ހޯސްޓް ކުރުމަށް މަސައްކަތް ކުރަމުންދާ ޕާކިސްތާނުން ގޭމްސްއަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

ޕާކިސްތާނުގައި ބާއްވަން ނިންމާފައިވާ 14 ވަނަ ސައުތު އޭޝިއަން ގޭމްސް އެކިއެކި ފަހަރުމަތިން މިހާރު ވަނީ ފަސްކޮށްފައެވެ. އެ ގޭމްސްއަކީ ފުރަތަމަ 2021 ވަނަ އަހަރު ބާއްވަން މަސައްކަތް ކުރި ގޭމްސްއެކެވެ. ކޮވިޑާ ގުޅިގެން އެފަހަރު ގޭމްސް ކެންސަލްކޮށް، މިފަހުން ޕާކިސްތާނުގެ އޮލިމްޕިކް އެސޯސިއޭޝަނުން މަސައްކަތް ކުރީ މިދިޔަ އަހަރު މާޗު މަހު ގޭމްސް ބޭއްވުމަށެވެ.

އެއަށްފަހު އަނެއްކާވެސް ނޮވެމްބަރަށް ގޭމްސް ފަސްކޮށް، މިއަހަރު ފެބްރުއަރީގައި ބޭއްވޭތޯ ކުރި މަސައްކަތްވެސް ނާކާމިޔާބިއެވެ. މިހާރު ގޭމްސް ބާއްވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 23 އިން 31 އަށް ޕާކިސްތާންގެ ލާހޯރު، ފައިސަލްއާބާދު އަދި އިސްލާމްއާބާދުގައެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ޕާކިސްތާނުގެ މަސައްކަތް އަދިވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދެއެވެ. އޭގެ އެއް ސަބަބަކީ ކޮމިޓީވެސް އެކުލަވާ ނުލެވި އޮތުން ކަމަށް ނޫސްތަކުން ބުނެފައިވާ އިރު، ކޮމިޓީއަށް ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ރުހުން ދެއްވީ އިއްޔެއެވެ.

ކޮމިޓީގެ ޗެއާމަނަކީ ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އިޝްހާގް ދާރެވެ. އޭގެ އިތުރުން ކޮމިޓީގައި ސަރުކާރުގެ އިސް މިނިސްޓަރުންނާއި ސަލާމަތީ ބާރުތަކުގެ ފަރާތުން މަންދޫބުންވެސް ބައިވެރިވެއެވެ.

ހާއްސަކޮށް އެ ކޮމިޓީގައި ޕާކިސްތާނުގެ ދާހިލީ ވަޒީރާއި ފިނޭންސް މިނިސްޓަރުވެސް ހިމެނިވަޑައިގަންނަވައެވެ.

ޕާކިސްތާނުގެ އޮލިމްޕިކް އެސޯސިއޭޝަނަށް އެންމެފަހުން އިންތިހާބުވި އާރިފް ސައީދުގެ ޓާގެޓް ސައުތު އޭޝިއަން ގޭމްސްއަށް ހިފާފައިވާ އިރު، އޭނާ ވަނީ މިއަހަރު ކުރީކޮޅުގައި ސައުތު އޭޝިއާ އޮލިމްޕިކް ކައުންސިލާއެކު ލަހޯރުގައި ބައްދަލުވުމެއް ބާއްވަވާފައެވެ. އެ ބައްދަލުވުމަކީ ގޭމްސްގެ ކަންކަމަށް މަޝްވަރާ ކުރެވުނު ބައްދަލުވުމެއްކަން މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.