މި ސަރުކާރުން ލޯކަލް ގަވަމަންޓް މިނިސްޓްރީ އުފައްދާފައިވާތީއާއި، އެ ވުޒާރާއިން ނުހަނު ޒިންމާދާރުކަމާއެކު، ލޯކަލް ގަވަމަންޓް އޮތޯރިޓީއަށާއި، ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު އަތޮޅު ކައުންސިލްތަކެއް އޮތުން މުހިންމު ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދެން އޮންނަ ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލްތައް އުވާލައި އެ އިންތިހާބުގައި އަތޮޅު ކައުންސިލަރުން އިންތިހާބު ކުރަން ނުޖެހޭ ގޮތަށް ހެދުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް މިދިޔަ ހަފްތާގައި ހުށަހެޅި އިސްލާހު މިއަދު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 87 މެންބަރުންގެ ތެރެއިން 75 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.

އެކަމާ ގުޅޭގޮތުން ގާސިމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ވަރަށް މުހިންމު އަދި އެހާމެ މުނާސަބު އިސްލާހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ހިންގުމުގައި 2011 ވަނަ އަހަރުން ފެށިގެން ކުރެވިފައިވާ ތަޖުރިބާއިން ބަލާނަމަ، އަތޮޅު ކައުންސިލަކީ، ކޮންމެހެން ރާއްޖޭގެ ހާލަތުގައި އޮންނަން ޖެހޭ ލޭޔަރެއް ނޫންކަން ހާމަވެފައިވާ ކަމަށެވެ. ރަށު ކައުންސިލުތަކުން ނިންމާ ނިންމުންތައް، އަތޮޅު ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި، މުއައްސަސާތަކަށް ދަތުރުކުރުމުގެ ބަދަލުގައި ސީދާ ރަށު ކައުންސިލުން ގުޅުންހުރި އިދާރާތަކަށް ހުށަހެޅިގެން ދިއުމުން، ރަށު ކައުންސިލްތަކުން ދޭން ބޭނުންވާ ހިދުމަތް އަވަސްވެގެން ދިއުމާއި، ދައުލަތުގެ ހަރަދު ކުޑަވެގެންދިއުމާއި، އެފިޝެންސީ އިތުރުވެގެންދާނޭކަމީ ޝައްކެއްއޮތްކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.

"ހާއްސަކޮށް 2023 ގައި މިއަދުގެ ސަރުކާރުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އުފައްދާފައިވާތީއާއި، އެ ވުޒާރާއިން ނުހަނު ޒިންމާދާރުކަމާއެކު، ލޯކަލް ގަވަމަންޓް އޮތޯރިޓީއަށާއި، ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، ރަށުކައުންސިލްތަކުގެ، ނުވަތަ ސިޓީކައުންސިލްތަކުގެ ނިންމުންތަކުގައި އަތޮޅު ކައުންސިލުގެ ދައުރެއް ޖުމުލަގޮތެއްގައި އޮތްކަމަކަށް ދެންނެވޭކަށްނެތެވެ." ގާސިމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ގާސިމް ވިދާޅުވީ ގައުމުގެ ހިންގުން ހަރުދަނާކޮށް، އެފިޝެންސީ އިތުރުކޮށް، ހަރަދުކުޑަކޮށް ގައުމު ކުރިއަށް ގެންދިއުމަށް އަޅާ އެފަދަ ކޮންމެ ފިޔަވަޅަކަށް އެމަނިކުފާނާއި ޖުމްހޫރީ ޕާޓީގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނޭކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.