ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ސިޔާސީ ގޮތުން އޮތް ދެބަސްވުމަކަށް "އާއިލީ އަރާރުން" ކިޔުމަކީ އެ ދެބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެއް ކަމަށް އިބޫގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާގެ ފޭސްބުކް އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފަދަ ހަނި ވިސްނުންތަކަކީ އެމްޑީޕީގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ފުޅާދާއިރާއެއްގައި ވިސްނުމަށް އެޅޭ ހުރަހެއް ކަމަށެވެ.

ފަޒްނާ ވިދާޅުވީ މަދަރުސީ ދައުރުގައި އުފެދޭ އެކުވެރިކަން ގިނަފަހަރަށް ބިނާވެފައިވަނީ ޝައުގުވެރިކަން ހުންނަ އެއްކަހަލަ ކަންތައްތަކެއް ހުރެގެން ކަމަށެވެ.

"އެގޮތުން މި ދެބޭފުންނަކީވެސް މަދަރުސީ ދައުރުން ފެށިގެން ‎ދާދި އެއްކަހަލަ ކަންތައްތަކަކަށް ޝައުގުވެރިކަން ހުރި އެކުވެރިންތަކެއްގެ ތެރޭގައި ހިމެނުނު ދެބޭފުޅުންނެވެ. އޭގެ ތެރޭގައި ފުރަތަމައަށް އަޅުގަނޑު ފާހަގަކޮށްލާނީ ފޮތް ވިދާޅުވުމުގެ އާދައާއި ޝައުގުވެރިކަމެވެ. ދިވެހިރާއްޖެ އާއި ދުނިޔޭގެ ތާރީހީ، ސިޔާސީ، އިގްތިސާދީ ކަންކަމާ ގުޅޭ އެކިއެކި ފޮތްތަކާއި ލިޔުންތަކެވެ. މީގެ އިތުރުން ނޫސްވެރިކަމާއި ލިޔުންތެރިކަމަކީ ވެސް ދެބޭފުޅުންގެ ޝައުގެކެވެ. ކުޅިވަރު ކުޅުމާއި ކުޅިވަރުކުޅޭތަން ބަލަންދިއުން، މިޔުޒިކު އަޑުއެހުން، ރާޒުވާ ކުޅުން އަދި ކަޅުސައި ބުއިމަކީވެސް ދެބޭފުޅުން އެކުގައި ކުރެއްވި ކަންކަމެވެ." ފަޒްނާ ވިދާޅުވެފައިވެއެވެ.

ފަޒްނާ ވިދާޅުވީ ދެ ބޭފުޅުންގެ ޝައުގުވެރިކަން ހުންނަ ގިނަ ކަންތައްތަކެއް ހުރި ނަމަވެސް އެއީ މިޒާޖު ތަފާތު ދެ ބޭފުޅުން ކަމަށެވެ. ސިޔާސީ ކަންކަން ހިމެނޭގޮތަށް ކޮންމެ ކަމެއްގައިވެސް އެއްބަސްވެވޭ ކަންކަމާއި، ދެބަސްވުމަށް އެެއްބަސްވެ ދެބޭފުޅުން އެކުގައި ކުރައްވައި ކާމިޔާބުކުރެއްވި ކަންކަން މަދު ނުވާނެ ކަމަށެވެ.

"އަރައިނުގަނެވިގެން މިއުޅެނީ ދެބޭފުޅުން އެއްގޮނޑިއެއްގައި އިށީނދެވަޑައިގަންނަވަން ބޭނުންވި ހިސާބުން ނޫންތޯއެވެ. މިއީ އެމްޑީޕީއަށް އާ ކަމެއް ނޫނެވެ. ތާރީހު ބައްލަވާށެވެ. މިފަހަރު މިކަމަށް އާއިލީ އަރާރުން ކިޔުމަކީ އެ ދެބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެކެވެ." ފަޒްނާ ވިދާޅުވެފައިވެއެވެ.

އެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ ލީޑަރުން މަސައްކަތް ކުރަންވާނީ ލީޑާޝިޕްގެ ތަރަހައިގެ ތެރޭގައި ކަމަށެވެ. އެކަކު އަނެކަކަށް އިނގިލި ދިއްކުރުމަކީ ރަނގަޅު، ހަރުދަނާ ލީޑަރުންގެ ސިފައެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އެއްވެސް މުއައްސަސާއަކީ މައްސަލައިން ބަރީއަވެފައި އޮންނާނެ މުއައްސަސާއެއް ނޫން ކަމަށާއި މުހިންމީ ކަންކަން ހައްލު ކުރުމުގެ ރޫހެއްގައި އިށީނދެ ޕާޓީއާއި ޕާޓީގެ ލީޑަރުންނާއި ލީޑާޝިޕްގައި ހުރި އުނިސިފަތަކުގެ ވާހަކަ ކެރިގެން އަޑުއަހައި އެކަންކަން ހައްލުކުރުން ކަމަށްވެސް ފަޒޫގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ނަޝީދާއި އިބޫ ފުރަތަމަ ހިޔާލުތަފާތުވެގެން ދިޔައީ މިދިޔަ ރިޔާސީ އިންތިހާބާ ގާތްވެފައިވަނިކޮށެވެ. އެއަށްފަހު މިހާރު ޖެހިގެން އުޅޭ މައްސަލައަކީ، އެ އިންތިހާބާ ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން އިސްތިއުފާދެއްވި ފައްޔާޒް އިސްމާއީލް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

ކުރިއަށް އޮތް މާލޭ ސިޓީ މޭޔަރުކަމުގެ އެމްޑީޕީ ޕްރައިމަރީގައިވެސް ނަޝީދާއި އިބޫ ތާއީދުކުރައްވަނީ ދެ ބޭފުޅުންނަށެވެ.