މަސައްކަތު ވަގުތުގައި އާބަންކޯގެ މުވައްޒަފުންގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން ބެލެހެއްޓުމަށް އެކުންފުނިން ތަރައްގީ ކުރި "ޗައިލްޑްކެއާ ސްޕޭސް" ހުޅުވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ހުންނަ އާބަންކޯގެ ހެޑް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަބިކަނބަލުން ފަޒްނާ އަހުމަދެވެ. އެކަމަނާ ވަނީ އެވަގުތު އެތަނުގައި ތިބި ކުދިންނާ އެކު ވަގުތުކޮޅެއް ހޭދަކުރައްވައި ދިވެހި ކުރު ވާހަކައެއްވެސް އެ ކުދިންނަށް ކިޔައިދެއްވައިފައެވެ.

އާބަންކޯ އިން ބުނީ "ޗައިލްޑްކެއާ ސްޕޭސް"ގައި ކުޑަކުދިން ބެލެހެއްޓުމަށް އެކަމަށް ހާއްސަކޮށް ތަމްރީންކޮށްފައިވާ ތިން މުވައްޒަފަކު މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި އެތަން ހާއްސަކޮށްފައި ވަނީ އުމުރުން ތިން އަހަރާއި 10 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ކަމަށްވެސް އާބަންކޯއިން ބުންޏެވެ.

މިގޮތުން އާބަންކޯގެ މުވައްޒަފުންގެ ދަރިން، ދޮންދަރިން އަދި ގާނޫނީ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން އޮފީހުގެ މަސައްކަތު ގަޑީގައި އެތަނުގައި ބަލަހައްޓައިދޭނީ ހިލޭ ކަމަށާއި ކުދިން އިތުރުވަމުންދާ ނަމަ އެތަން އިތުރަށް ބޮޑުކޮށް ޖާގަ ތަނަވަސް ކުރުމަށް ހަމަޖެހިފައިވާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އާބަންކޯގެ މޭނެޖިން ޑިރެކްޓަރު އަހްމަދު އާސިމް ވިދާޅުވީ، ކުދިން ބަލަހައްޓާ މަރުކަޒެއް ސަރުކާރު ހުރިހާ މުއައްސަސާތަކެއްގައި ހުރުމަކީ ވަރަށްވެސް ވެސް މުހިންމު ކަމަށެވެ.

"އޮފީސް މަހައުލުގެ މަސައްކަތު ގަޑިތަކުގައިވެސް، އާބަންކޯގެ މުވައްޒަފުންގެ ކުދިން ބެލެހެއްޓުމުގެ ނިޒާމު އޮފީސް މާހައުލާ ގާތުން ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެހިފައި އޮތުމުން ވަޒީފާގެ މާހައުލުގެ މަސައްކަތުގެ އިތުރުން މުވައްޒަފުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް ޗައިޑްކެއާ ސްޕޭސްގެ ސަބަބުން ގިނަ ފަސޭހަތަކެއް ވެގެން ދާނެ، " އާސިމް ވިދާޅުވިއެވެ.

އާސިމް ވިދާޅުވީ، އާބަންކޯގައި މިހާރު ވަޒީފާ އަދާ ކުރާ މީހުންގެ އަދަދަކީ 2000 ކަމަށާއި އެކުންފުނީގެ ގިނަ މުވައްޒަފުންނަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުން ކަމަށެވެ. އެހެންކަމުން މިތަނުގެ ސަބަބުން އެކުންފުނީގެ މުވައްޒަފުންގެ ނަފުސާނީ އަދި ޖިސްމާނީ ދިރިއުޅުމަށް ހެޔޮބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.