ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތެރަޕީ ދިނުމަށް ހާއްސަ ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.
ހުޅުމާލެ އޮރެންޖް ހިޔާ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހެދި ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭސަން ސެންޓަރު ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު އެ ތަނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ ދަށުން ހިންގާ އެ ސެންޓަރު ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މެޑަމް ފަޒުނާ ވިދާޅުވީ، އެ ސެންޓަރު ހުޅުވިގެން ދިއުމަކީ ހުޅުމާލެ ހޮސްޕިޓަލުން ވަށައިޖެހޭ ހިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ކުރި މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުގައި ހިންގާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުން ހިދުމަތް ހޯދާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭސަން ސެންޓަރާއެކު ހައްލެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތްތައް ލިބިދިނުމުގައި ވަށާ ޖެހޭނެ ގޮތަކަށް ކަންކަން ރޭވިފަ ހުރުން މުހިންމުކަން ފާހަގަކުރައްވައި މެޑަމް ފަޒްނާ ވިދާޅުވީ، އެފަދަ ފަރާތްތަކަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާއި ހިދުމަތްތައް ހޯދުމުގައި ފަސޭހަ ކޮށްދިނުމަކީ މުޖުތަމައުގެ އެންމެން ގުޅިގެން އަދާކުރަންޖެހޭ ފަރުދީ ޒިންމާއެއް ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރި އުފާވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މި ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދީފައިވާކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ މާލީ އެހީ ބޮޑުކުރުމާއި ތެރަޕިއުޓިކް ފަރުވާ ހިލޭ ލިބޭނެ މަގު ފަހިކޮށްދިނުމާއި އެ ފަރާތްތަކަށް ހިދުމަތް ދިނުމަށް އިތުރު ސެންޓަރުތައް މި ސަރުކާރުން ގާއިމުކޮށްދީފައިވާ ކަމަށެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ސަރުކާރުން ފަހިކޮށްދީފައިވާ ފުރުސަތު ތަކާއެކު ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި އެ ފަރާތްތަކުން ކާމިޔާބީތައް ހޯދަމުން އަންނަކަމުގައިވެސް ވިދާޅުވިއެވެ.
ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ހަތް ފިޒިއޯތެރަޕިސްޓުން މަސައްކަތް ކުރާއިރު، އެ ސެންޓަރުން އުފެދުމުގައި އެކިއެކި މައްސަލަތައް ހުރުމުގެ ސަބަބުން ތަފާތު ފަރުވާއާއި ތަމްރީންތައް ބޭނުންވާ ފަރާތްތަކަށާއި ދިރިއުޅުމުގައި ދިމާވާ ހާދިސާއެއް، އެކްސިޑެންޓެއް ނުވަތަ ސްޓްރޯކެއް ޖެހުން ފަދަ ކަމަކުން އެ ފަރާތްތަކަށް ވަގުތީ ގޮތުން ކުރިމަތިވާ ހާލަތްތަކުން އަރައިގަނެ އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލައަށް އުޅެވޭނެ ގާބިލުކަން ހޯދައިދިނުމަށްޓަކައި ބޭނުންވާ ރިހިބިލިޓޭޝަން ފަރުވާތައް ފޯރުކޮށްދޭނެއެވެ.
ހުކުރު ދުވަހާއި ރަސްމީ ބަންދު ދުވަސްތައް ނޫން ކޮންމެ ދުވަހެއްހެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް އެ ސެންޓަރު ހުޅުވާފައި ހުންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު