އަންނަ ރޯދަ މަސް އައުމުގެ ކުރިން އައްޑޫ ސިޓީގެ ކަރަންޓު ކެޕޭސިޓީ 17 މެގަ ވޮޓަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލައާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފެނަކައިގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިޒަސް ކޮމިޓީއަށް ހާޒިރުކޮށްގެން ބޭއްވި އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ވިދާޅުވީ އައްޑޫ ކަރަންޓު މައްސަލައަކީ މި ސަރުކާރު އައުމުގެ މާކުރިންވެސް އޮތް މައްސަލައެއް ކަމަށެވެ. އަދި މިއަދު މި މައްސަލަ ދިމާވެގެން އުޅެނީ، މީގެކުރިން މި މައްލަ ހައްލުކުރުމަށް މިދިޔަ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތުމުން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ލިޔެކިޔުންތަކުން ފެންނަ ގޮތުގައި 2019 އިން ފެށިގެން 2023 އަށް 14 ޖަނަރޭޓަރެއް އައްޑޫއަށް ގެންގޮސްފައިވާ ކަމަށް ދައްކާ ކަމަށާއި، މީގެ ތެރެއިން ދެ ޖަނަރޭޓަރެއް ފިޔަވައި ހުރިހާ ޖަނަރޭޓަރެއް ހުރީ ހަލާކުވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމްޑީ ވިދާޅުވީ، އެ ޖަނަރޭޓަރުތައް ހެދުމަށް މި ސަރުކާރުން މިހާތަނަށް 16 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

އަދި އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން މިހާތަނަށް އައްޑޫއަށް އަށް ޖަނަރޭޓަރު ގެންގޮސް ކަރަންޓު ކެޕޭސިޓީ 12 މެގަވޮޓަށް އިތުރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.