މަސްތުވާތަކެއްޗާ ދެކޮޅަށް މި މަހު ފުލުހުން ފެށި ހާއްސަ އޮޕަރޭޝަން، "އޮޕަރޭޝަން އަލިމަގު" ގައި މުޅި ރާއްޖެއިން އަތުލައިގަތީ 29.6 ކިލޯގެ މަސްތުވާތަކެތި ކަމަށާއި ބަންދު އިތުރުކުރީ 38 މީހެއްގެ ކަމަށް ފުލުހުން ބުނެފިއެވެ.
އެ އޮޕަރޭޝަނުގެ މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި މިއަދު ކުރިއަށްގެންދިޔަ ޕްރެސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ އެ އޮޕަރޭޝަންގައި 105 ތަނެއް ފާސްކޮށް، 29.6 ކިލޯގެ ޑްރަގް ހޯދި ކަމަށެވެ.
ނާއިފް ވިދާޅުވީ، އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން 38 މީހެއްގެ ބަންދު އިތުރުކޮށްފައިވާ ކަމަށެވެ. ބާކީ މީހުން ކޯޓަށް ހާޒިރު ނުކޮށް ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބަންދުގައި ތިބީ ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ފަރާތްތަކާއި މުޖުތަމައުގެ ސަލާމަތަށް ބަންދުގައި ބައިތިއްބާފައި ތިބި ފަރާތްތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން:
- ހދ. އަތޮޅުން ތިން މީހުން
- ށ. އަތޮޅުން ތިން މީހުން
- އައްޑޫން އެކަކު
- ފުވައްމުލަކުން އެކަކު
- ފ. އަތޮޅުން ދެ މީހުން
- ދ. އަތޮޅުން ދެ މީހުން
- ތ. އަތޮޅުން ދެ މީހުން
- ލ. އަތޮޅުން ދެ މީހުން
- ރ. އަތޮޅުން ފަސް މީހުން
- ބ. އަތޮޅުން ތިން މީހުން
- ޅ. އަތޮޅުން ހަތަރު މީހުން
- އއ. އަތޮޅުން އެކަކު
- ކ. އަތޮޅު، މާލެ ހިމެނޭ ގޮތަށް ނުވަ މީހުން
ހެޑް އޮފް ޑްރަގް އެންފޯސްމެންޓު، ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވީ އޮޕަރޭޝަން އަލިމަގުގެ ތެރެއިން ފުޅާ ދާއިރާއެއްގައި ޑްރަގުގެ ވިޔަފާރިކުރާ މީހުންވެސް އަތުލައިގެންފައިވާ ކަމަށެވެ.
"މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި އެކި ދަރަޖައިގައި އެކި ލެވެލްގައި، އެކި ފަންތީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަޅުގަނޑުމެން މި އޮޕަރޭޝަނުގެ ތެރެއިން ވާނީ އެޓެންޑުކޮށް އަދި ހައްޔަރުކުރެވި އެ ފަރާތްތަކާ ގުޅޭ ތަހުގީގު ކުރިއަށްގެންދެވި މިހާރުވެސް ކުރިޔަށް އެދަނީ،" މުސްލިމް ވިދާޅުވިއެވެ.
އޮޕަރޭޝަން އަލިމަގަކީ 500 އަށްވުރެ ގިނަ ފުލުހުންނާއެކު 100 އަށްވުރެ ގިނަ ތަންތަން އެއްފަހަރާ ރެއިޑްކުރުމަށް ހިންގުނު އޮޕަރޭޝަނެއް ކަމަށް ފުލުހުން ކުރީން ބުނެފައިވެއެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް