ވިޔަފާރީގެ ބޭނުމަށް މާލެ އާއި ވިލިމާލެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ބިންތައް ދޫކުރީ އުސޫލާ އެއްގޮތަށް ދެ ފުށްފެންނަ ގޮތަށް ކަމަށް އޭރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ވިޔަފާރީގެ ބޭނުމަށް މާލެ އާއި ވިލިމާލެއިން ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ބިންތައް ދޫކުރީ އުސޫލާ ހިލާފަށް ކައުންސިލުން ފާސް ނުކޮށް ކަމަށް މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފު ފާތިހު ވިދާޅުވުމާ ގުޅިގެން "ވަން" އަށް ނަރީޝް ވިދާޅުވީ، އުސޫލުން ބޭރުން އެއްވެސް ބިމެއް ރައީސް ޑރ. މުއިއްޒުގެ މޭޔަރުކަމުގައި ދޫކޮށްފައި ނުވާނެ ކަމަށެވެ.

ސައިފް ވަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް އުސޫލުން ބޭރުން ބިންތައް ދޫކޮށްލި ކަމަށް ތުހުމަތުކޮށްފައެވެ.

"ހުރިހާ ބިމެއް ދޫކޮށްފައިވާނީ ކައުންސިލުން ފާސްކޮށްގެން. އުސޫލުން ބޭރުން ކަމެއް ކޮށްފައެއް ނޯންނާނެ. ކައުންސިލް ފްލޯއަށް ގެނެސްގެން އުސޫލާއި އިވެލުއޭޝަން ކޮމިޓީ މިންގަނޑާއި ގައިޑްލައިންތަކާއި މިހުރިހާ ކަންކަންވެސް ކޮށްގެން ތަންތަން ދޫކުރީ" ސައިފަށް ރައްދު ދެއްވައި ނަރީޝް ވިދާޅުވިއެވެ.

ނަރީޝް އިތުރަށް ވަނީ، ނުއަގުގައި ބިންތައް ދޫކުރި ކަމަށް ސައިފް ވިދާޅުވި ވާހަކައަށްވެސް ރައްދު ދެއްވައިފައެވެ.

އެގޮތުން ނަރީޝް ވިދާޅުވީ، ބިންތައް ދޫކޮށްފައިވަނީ ބައި އައުޓް ކުރެވޭ ގޮތަށް ކަމަށާއި އެހެންކަމުން އެކި ތަންތަނުން ނަގަމުން އައީ އެކި ކުލި ކަމަށެވެ. އަދި ބައެއް ތަންތަނުން ބޮޑެތި ކުލިތައްވެސް ނަގާ ކަމަށް އޭނާ ވިދާޅުވިއެވެ.