ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ޒުވާނުން ކުރި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އައިޝަތު ޝިމަން އާއި މަހްޒޫމް މާޖިދުގެ މައްޗަށް އުފުލި ދައުވާތައް ކުރިއަށް ނުގެންދަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
ޝިމަންގެ މައްޗަށް އުފުލީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށް ޝިމަންގެ މައްޗަށް ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މަހުޒޫމްގެ މައްޗަށް ދައުލަތުން އުފުލީ ފުލުހެއްގެ ގައިގައި އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށް މަހުޒޫމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެ ދައުވާތަކުގެ އަޑުއެހުމެއް އިއްޔެ ކުރިމިނަލް ކޯޓުގައިވަނީ ބާއްވައިފައެވެ.
ޕީޖީ އޮފީހުން މިއަދު މީޑިއާތަކަށް ބުނީ އެ ދެ މީހުންގެ އިތުރު ކުށުގެ ރެކޯޑެއް ނެތް ކަމަށާއި އެ މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
އެހެންވެ އެ ކުށަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބާއި، މައްސަލައިގެ ހާދިސާގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް، އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމީ ކަމަށެވެ.
މުހައްމަދު އިޝާން
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް