އަންހެނުންނާއި، އަންހެން ކުދީންނަށް ރައްކާތެރި މުޖުތަމައެއް ކަށަވަރުކޮށްދިނުމަކީ މުހިންމު ޒިންމާއެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ އަންހެނުންނަށް ކުރާ، އަނިޔާއާ ދެކޮޅު ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންހެނުންނާއި، އަންހެންކުދީން ހުރިހާ ބާވަތެއްގެ އަނިޔާއިން ސަލާމަތްކުރުމަށް ސަރުކާރުން އިސްކަން ދެމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުން ދުވަހެއް ދުވަހަކަށް ގުޅިލާމެހިގެންދާއިރު، އޮންލައިންކޮށް ބިރު ދެއްކުމާއި، ނާޖާއިޒު ފައިދާ ނެގުމުގެ ނުރައްކާތައްވެސް އިތުރުވަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު އަންހެނުންނާއި އަންހެންކުދީން ބާރުވެރިކޮށް، ކުރިއަރުވައި ސަލާމަތްކަން ލިބިގެންވާ މާހާއުލެއްވެސް ބިނާކޮށްދޭން ޖެހޭ ކަމަށެވެ.

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ދުވަހަށް މިއަހަރު އދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ"ޔުނައިޓް ޓު އެންޑް ޑިޖިޓަލް ވައިލެންސް އެގޭންސްޓް ވިމެން އެންޑް ގާލްސް ވޯންޓް ޓު މޯބަލައިޒް އޯލް މެމްބާޒް އޮފް ދަ ސޮސައިޓީ" އެވެ.