އިންޑިއާގެ ވެރިރަށް ދިއްލީގައި ވައި ނުސާފުވުމުން މުޒާހަރާކޮށްފިއެވެ.

ދިއްލީގެ ވައި ނުރައްކާ ދަރަޖައަކަށް ނުސާފުވުމާ ކުރި މި މުޒާހަރާއަކީ އެ ސިޓީގެ ދަރިވަރުންތަކެއް ގުޅިގެން ކުރި މުޒާހަރާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާ ކުރި ފަރާތްތަކުގެ ތެރެއިން 15 މީހަކު ހައްޔަރުކޮށްފައިވާއިރު އިންޑިއާގެ ފުލުހުން ވަނީ އެމީހުން ބަންދުކޮށް މެޑިކަލް ޓެސްޓުތަކެއް ހައްދާފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމުގެ ސަބަބުން ގިނަ އިންޒާރުތަކެއް ދިނުމަށްފަހު ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ނޫސްތަކުން ވަނީ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕާ ސްޕޭ ބޭނުންކޮށްފައިވާކަމަށް ބުނެފައެވެ.

އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެފައިވާއިރު އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް ގޮވާލައިފައެވެ. ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ގެއިން ނުނިކުތުމަށް އާންމުންނަށް އަންގާފައިވެއެވެ.

ދިއްލީގައި މުޒާހަރާކުރި ފަރާތްތަކުން ވަނީ ސަރުކާރުން ހަރުދަނާ ޕޮލިސީތައް ގާއިމުކުރުމަށް ގޮވާލައިފައެވެ.އަދި މި މައްސަލަ ކޮންމެ އަހަރަކު ބޮޑުވަމުންދާ އިރު، ހައްލުކުރަން ސަރުކާރުން އެދެވޭ ފިޔަވަޅުތަކެއް ނާޅާ ކަމަށްވެސް ބުނެފައިވެއެވެ.