އައްޑޫގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) ގައި އެޑްމިޓްކޮށްފައި އޮތް މާބަނޑު މީހަކު ނިޔާވި މައްސަލައެއް ބަލަން ފަށައިފިއެވެ.

ހާލު ސީރިއަސްވެގެން ސިޒޭރިއަން ހެދުމުގެ ތެރޭގައި ކުއްލިގޮތަކަށް މިއަދުގެ ވަގުތެއްގައި ނިޔާވީ، ސ. ހިތަދޫ، ތަމަންނާގެ، އާއިޝަތު ނަޒާހަތު އަހުމަދުދީދީ (28އ) އެވެ.

ނަޒާހަތުގެ މަރާ ގުޅިގެން އައިއެމްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ހާލު ގޯސްވެފައިވަނީ ވިއްސަން ޝެޑިއުލްކޮށްފައި އޮއްވައި ފަތިހުގެ ވަގުތުގައި ކަމަށާއި އޭގެ ކުރިން އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ހާލު ސީރިއަސްވުމާއެކު ވަގުތުން ފަރުވާދޭން ފެށި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ހާލު ސީރިއަސްވުމުން އިމަޖެންސީކޮށް ކުރި އޮޕަރޭޝަނުގައި ސަލާމަތްކުރެވުނީ ހަމައެކަނި ދަރިފުޅު ކަމަށާއި އަންހެން މީހާ ނިޔާވި ކަމަށެވެ. އެއީ 2011 ވަނަ އަހަރު އެ ހޮސްޕިޓަލު ހުޅުވިފަހުން ހިނގި އެފަދަ ފުރަތަމަ ހާދިސާކަން ވެސް އައިއެމްޑީސީގެ ބަޔާނުގައި ބުންޏެވެ.

އައިއެމްޑީސީން އިތުރަށް ބުނީ އެ މައްސަލަ ހެލްތު މިނިސްޓްރީއާ ގުޅިގެން ދިރާސާކުރަމުން އަންނަ ކަމަށާއި ހޮސްޕިޓަލުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.