ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން ހުށަހެޅި ބިލް މަޖިލީހުން ބޭރުކޮށްލައިފިއެވެ.

"ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު" އުވާލުމުގެ ބިލު މަޖިލީހަށް ހުށަހަޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

މި ބިލް މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި، ބިލް ބޭރުކޮށްލީ މަޖިލިސް ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން ވެރިކަން ކުރާ ޕީއެންސީގެ 48 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ބިލް ބަލައިގަތުމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު" އަކީ 10 ޖެނުއަރީ 2013 ގައި އަމަލުކުރަން ފެށި ގާނޫނެކެވެ.

މިއީ، ގާނޫނުއަސާސީން ލިބިދޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނުގެ ބޭނުން:

  • ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި، ސުލްވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ މިނިވަންކަމުގެ ހައްގުގެ ހަމަތައް ބަޔާންކުރުން.
  • އިންސާނީ ހައްގުތަކުގެ ބައިނަލްއަގުވާމީ ގަރާރުން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގުގެ ހަމަތައް ރާއްޖޭގައި އިންތިޒާމުވެގެންވާ ގޮތް ބަޔާންކުރުން.
  • މަދަނީ އަދި ސިޔާސީ ހައްގުތަކުގެ ބައިނަލްއަގުވާމީ މުއާހަދާއިން ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގުގެ ހަމަތައް ރާއްޖޭގައި އިންތިޒާމުވެގެންވާ ގޮތް ބަޔާންކުރުން.
  • ވަކި މަސްލަހަތުތަކެއް ރައްކާތެރިކުރުމަށްޓަކައި، އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ގާނޫނަކުން ހަނިކުރެވިދާނެކަމަށް މަދަނީ އަދި ސިޔާސީ ހައްގުތަކުގެ ބައިނަލްއަގުވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ހައްގުތައް ހަނިކުރެވިދާނެ ހާލަތްތައް ކަނޑައެޅުން.

އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނެ ގޮތުގެމަތިން ސުލްހަވެރިކަމާއެކު އެއްވެއުޅުމަކީ އަސާސީ އިންސާނީ ހައްގެއް ކަމަށާއި، އެގޮތަަށް އެއްވެއުޅުމަކީ ތަބީއީ ޝަހްސުތަކަށާއި ގާނޫނީ ޝަހްސުތަކަށް ލިބިދޭ ހައްގެއް ކަމަށާއި އެއްވެއުޅުމުގެ މިނިވަންކަމަކީ ތަފާތު ހިޔާލުތަކާއި ޝުއޫރުތައް ފާޅުކުރުމަށާއި، ތަފާތު ވިސްނުންތައް ހާމަކުރުމަށް އޮތް އަސާސީ ވަސީލަތެއްކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ތަފާތު ވިސްނުންތަކާއި ހިޔާލުތަކާއި، އުސޫލުތަކާއި، ސިޔާސަތުތަކާއި، އާދަތައް ގެންގުޅޭ މީހުންނަށްވެސް އެކުގައި، އެއް މުޖުތަމައެއްގައި، އެކުއުޅެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމަކީ ރައްކާތެރިކުރެވިގެން ވާންވާނެ ހައްގެއް ކަމަށާއި މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން މެނުވީ، އަދި، މި ގާނޫނުގައި ބަޔާންގެންވާ މިންވަރަށް މެނުވީ، އެއްވެއެޅުމުގެ މިނިވަންކަމުގެ ހައްގު ހަނިކުރެވިގެން ނުވާނެކަމަށް ވެސް މި ގާނޫނުގައި ބަޔާންވެގެންވެއެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުން، މި ގާނޫނުން ރައްކާތެރިކޮށްދޭކަމަށް ކަނޑައަޅައި، އެފަަދަ އެއްވުންތަކަކީ ކޮބައިކަންވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ސުލްހަވެރިކަމާއެކު އެއްވެއުޅުން ކަމުގައި ބެލެވޭނީ، އެ އެެއްވުމަކީ ސުލްހަވެރި މަގުސަދެއް ހާސިލުކުރުމަށް އެއްވާ އެއްވުމެއްކަމަށް، އެއްވުން އިންތިޒާމުކުރާ ފަރާތުން އަންގާފައިވުމާއެކު، އެ އެއްވުން ކުރިއަށްދާ ދަނޑިވަޅުގައި، އެއްވުމުގައި އަނިޔާވެރި އަމަލެއް ނުހިންގުމާއި، އަނިޔާވެރި އަމަލަށް ހިތްވަރު ލިބިދޭ ގޮވުންތަކާއި ލިޔުންތަކާއި ކުރެހުންތަކާއި ހަރަކާތްތައް ހިމެނިގެން ނުވުމެވެ. މިފަދަ އެއްވުމެއްގައި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ކުރުމާއި އެފަދަ އަމަލަކަށް ހިތްވަރު ލިބޭ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެ ކަމަށާއި، މާރާމާރީ ހިންގުމަށް ނުވަތަ އެއްވެސް ގެއްލުމެއް ލިބިދާނެ ފަދަ އެއްޗެއް އެ އެއްވުމުގައި ގެންގުޅެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ގާނޫނު އެ މައްޗަކަށް ނުހިނގާނެ ކަންކަން:

  • ދައުލަތުގެ މުއައްސަސާއަކުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތަކާއި ހަރަކާތްތައް.
  • އެހެން ގާނޫނެއްގެ ދަށުން އިންތިޒާމުކުރެވިގެން ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތަކާއި ހަރަކާތްތައް.
  • ވިޔަފާރީގެ ހަރަކާތްތަކާއި ކުޅިވަރުގެ ހަރަކާތްތަކާއި ސަގާފީ ހަރަކާތްތައް.

އެއްވުންތައް ސުލްހަވެރި ނުވާ ސަބަބުތަކުގެ ގޮތުގައި ދެ ސަބަބެއް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ އެ އެއްވުމުގައި ވަކިބަޔަކު ދައްކާ ވާހަކައަކީ، ނުވަތަ އުޅޭ ގޮތަކީ އެހެން ބަޔަކަށް ނަފުރަތު ކުރެވޭ ކަމަކަށްވުން، ނުވަތަ އެހެން ބަޔަކަށް އުނދަގޫ ވާ ކަމަކަށްވުން، ނުވަތަ އެހެން ބަޔަކު ގަބޫލު ނުކުރާ ކަމަކަށްވުމެވެ. އަދި އެ އެއްވުން ކުރިއަށްގެންދިޔުމުގައި، އެހެން ފަރާތެއްގެ ހައްގަކަށް ނުވަތަ ހައްގުތަކަކަށް ހަމައެކަނި ވަގުތީގޮތުން އުނދަގޫވުން ނުވަތަ ހުރަސްއެޅިގެންދިޔުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

"އެއްވުމުގައި ހިންގާ ކަންކަމުގެ ތެރެއިން، މީހެއްގެ ހަށިގަނޑަށް ނުވަތަ ތަނަކަށް ނުވަތަ މުދަލަށް ޖިސްމާނީ އަނިޔާ އެއް ނުވަތަ މާއްދީ ގެއްލުމެއް ލިބިދާފަދަ ބާރެއް ކަމަށް، އެކަށީގެންވާ ވިސްނުމުން ވިސްނާއިރު ގަބޫލުކުރެވޭފަދަ ބާރެއް ބޭނުންކޮށްގެން ހިންގާ، ޖިނާއީ ކުށެއް ނުވަތަ މަދަނީ ކުށެއްގެ އަމަލަށެވެ. ނުވަތަ ޖިނާއީ ކުށެއް ކަމަށް ގާނޫނެއްގައި ކަނޑައަޅާފައިވާ ކުށެއްގެ އަމަލުގެ ރުކުންތަކުގެ ތެރޭގައިވެސް، ނުވަތަ އެކުށުގެ ތަބީއަތުގައިވެސް، މީހެއްގެ ހަށިގަނޑަށް ނުވަތަ ތަނަކަށް ނުވަތަ މުދަލަށް ޖިސްމާނީ އަނިޔާއެއް ނުވަތަ މާއްދީ ގެއްލުމެއް ލިބިދާފަދަ ބާރެއް ކަމަށް، އެކަށީގެންވާ ވިސްނުމުން ވިސްނާއިރު ގާބޫލުކުރެވޭފަދަ ބާރެއް ބޭނުންކޮށްގެން ހިންގާ އަމަލު ހިމެނޭ ޖިނާއީ ކުށުގެ އަމަލަށް،"

އެއްވުމުގެ ވައްތަރުތަކުގެ ގޮތުގައި ނުވަ ބާވަތެއްގެ އެއްވުން މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ގާނޫނު ބުނާގޮތުން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމަކީ އަސާސީ ހައްގެއްކަމުގައިވާތީ، އެ ހައްގު ބޭނުންކުރުމަށް ހުރި ހުރަސްތައް ވީވަރަކުން މަދުކުރުމަކީ، މި ގާނޫނުގެ އެއް ބޭނުމެވެ. އަދި އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު، ހެޔޮގޮތުގައި، އަމަލީގޮތުން ބޭނުން ކުރެވޭނެ އުސޫލުތައް ގާއިމުކޮށްދީ ހިފަހައްޓައިދިނުމަކީ، ދައުލަތުގެ މަސްއޫލިއްޔަތެއް ކަމަށްވެސް ބުނެފައިވެއެވެ.

އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާތަކާއި އެއްވުން އިންތިޒާމުކުރާ ފަރާތްތަކަށް ލިބިދޭ ހައްގުތަކާއި، މަސްއޫލިިޔައްތުތާއި، އެއްވެވޭނެ ތަންތަންވެސް މި ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

އެއްވުމުގެ ހައްގު ހަނިކުރެވޭނެ އުސޫލުތަކާއި، ހާލަތްތަކާއި، އެއްވުމުގެ ހައްގު ހަނި ނުކުރެވޭނެ ހާލަތްތައްވެސް ބަޔާންކޮށްފައިވެއެވެ.

ގައުމީ ސަލާމަތަށް ނުރައްކާވުމުގެ މިންގަނޑުތަކާއި، އާންމު ރައްކާތެރިކަން ދެމެހެއްޓުމުގެ މިންގަނޑުތަކާއި މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމުގެ މިންގަނޑުތަކާއި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ މިންގަނޑު އާއްމު އަހުލާގީ މިންގަނޑު ރައްކާތެރިކުރުމުގެ މިންގަނޑުތަކާއި އެހެން ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ މިންގަނޑުތައްވެސް މި ގާނޫނުގައި ކަނޑައަޅާފައިވެއެވެ.

އެއްވުމެއް ރޫޅާލުމާ ގުޅޭގޮތުން ފުލުހުންގެ ދައުރާއި، އެއްވުން ރޫޅައިލުމަށް ފުލުހުން އަމަކު ކުރަންޖެހޭނެ ގޮތްތަކާއި، ބާރުގެ ބޭނުންކުރަންޖެހޭ ހާލަތްތަކާއި ސިފައިންގެ އެހީތެރިކަމަށް ފުލުހުން އެދޭނެ ހާލަތްތައްވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެކި ދައުރުތަކުގައި މި ގާނޫނަށް އިސްލާހު ގެނެސްފައިވާ އިރު، މި ގާނޫނު އުވާލުމަށްވެސް މަސައްކަތްކޮށްފައިވެއެވެ.