އަތޮޅު ކައުންސިލްތައް އުވާލަން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
ބިލުގައި އިސްލާހު ހުށަހަޅާފައިވަނީ ދެން އޮންނަ ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލުތައް އިންތިހާބު ކުރަން ނުޖެހޭ ގޮތަށް ހެދުމަށެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަންބަރުގައި ބުނަނީ، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި އަތޮޅު ކައުންސިލް ވެސް ހިމެނޭ ކަމަށެވެ. އަތޮޅު ކައުންސިލްގެ ރައީސާ އެކު އެ ކައުންސިލުގައި ދެން ހިމެނެނީ އެ އަތޮޅެއްގެ ރަށު ކައުންސިލުތަކުގެ ރައީސުން ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.
ނަމަވެސް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައި ވަނީ އެކަން ކަނޑައަޅާފައިވާ ގާނޫނުއަސާސީގެ އެ އަކުރު އުނިކުރުމަށެވެ.
އޭގެ ސަބަބުން އަތޮޅު ކައުންސިލުތައް އުވިގެންދާނެއެވެ.
ނަމަވެސް އިސްލާހުގައި ވަނީ މިހާރު އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލުތައް ދައުރު ހަމަވަންދެން ދެމި ތިބޭނެ ކަމަށެވެ. އެހެންކަމުން، މި އިސްލާހު ފާސްވެއްޖެ ނަމަ، މިހާރު އޮތް އަތޮޅު ކައުންސިލްތަކުގެ ދައުރު ހަމަވުމުން އަތޮޅު ކައުންސިލުތައް އުވިގެންދާނެ އެވެ.
މި ބިލް ދިރާސާކުރަމުން އަންނަނީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ.
އެ ކޮމިޓިގެ މިއަދުގެ ބައްދަލުވުމުގައި ބިލް ފާސްކުރީ ކޮމިޓީއަށް ހާޒިރުވަޑައިގެން ތިއްބެވި 62 މެންބަރުންގެ ތެރެއިން 52 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން ވޯޓު ދެއްްވީ ބިލް ފާސް ނުކުރުމަށެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެންނާން ޝުޖާ ހުށަހެޅުއްވި ބިލްގައި އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މެންބަރަކު އޭނާ މަޖިލީހުގައި ހިމެނޭ އަދި ތަމްސީލުކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ގޮތަށް (ގޮނޑި ގެއްލުވާލުމުގެ ބާރު ރައްޔިތުންނަށް ދޭން) ވެސް ހިމަނާފައި އޮތެވެ.
މަޖިލީހުގެ މެންބަރަކު ތަމްސީލުކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ މިހާރު އޮތް ޕީއެންސީ މެޖޯރިޓީން މިދިޔަ އަހަރުއެވެ.
ނަމަވެސް ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަށް އިތުރުކުރަން ޝުޖާއު ހުށަހެޅުއްވި މި އިސްލާހުގައި ވަނީ، މަޖިލިސް މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކަމުން ވަކި ކުރެވޭނީ، އެ މެންބަރަކު ތަމްސީލު ކުރާ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ މެންބަރަކު މެންބަރުކަމުން ވަކިކުރުމަށް އަގުލަބިއްޔަތު ލިބިގެން ކަމަށެވެ.
އެ ވޯޓުން މެންބަރުކަމުން ވަކިކުރަން އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެމންބަރަކު މަޖިލީހުގައި ދެމިހުންނަވާނީ، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ، މިނިވަން މެންބަރެއްގެ ގޮތުގައި ކަމަށް ވެސް އިސްލާހުގައިވެއެވެ.
މަޖިލީހުގެ އެ އުމުރުގެ ތެރޭގައި އެ މެންބަރަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅަން ވެސް ޝުޖާގެ އިސްލާހުގައި ވަނީ ހުށަހަޅައިފައެވެ.
މި އިސްލާހުތައް ހުށަހަޅާފައި ވަނީ މިބިލްގެ އެއްވަނަ މާއްދަގެ ގޮތުގައެވެ.
ނަމަވެސް މުޅި މަޖިލީހުގެ ކޮމިޓީން ބިލް ފާސްކުރީ އެ މާއްދާ އުނިކޮށްފައެވެ.
އެ މާއްދާ އުނިކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. ތާއީދު ކުރެއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ އެވެ.
މި މާއްދާ ބިލުން އުނިކުރީ މުޅި މަޖިލީހުގެ ކޮމިޓީގައި ތިއްބެވި 61 މެންބަރުންގެ ތެރެއިން 50 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މި އިސްލާހު އުނި ނުކުރަން ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 8 މެންބަރުންނެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވީވެސް އެމްޑީޕީގެ ދެ މެންބަރުންނެވެ.
އިބްރާހިމް ޒަކީ
ލާމަރުކަޒީ ނިޒާމް
ލާމަރުކަޒީ ނިޒާމް
ލާމަރުކަޒީ ނިޒާމް