ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މެންބަރަކު އޭނާ މަޖިލީހުގައި ހިމެނޭ އަދި ތަމްސީލުކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ގޮތަށް ނަހަދައި، މިހާރުވެސް ގާނޫނުގައި އޮންނަ ގޮތަށް ޕާޓީން ވަކިކުރުމުން މެންބަރުގެ ގޮނޑި ގެއްލޭގޮތަށް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ މެންބަރަކު ތަމްސީލުކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ މިހާރު އޮތް ޕީއެންސީ މެޖޯރިޓީން މިދިޔަ އަހަރުއެވެ.

ނަމަވެސް އެގޮތް ބަދަލުކޮށް މެންބަރު ތަމްސީލް ކުރާ ދާއިރާގެ ވޯޓަކަށް ދާން ޖެހޭގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ބިލެއް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު އެވެ.

މި ބިލުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަށް އިތުރުކުރަން ޝުޖާއު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ، މަޖިލިސް މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކަމުން ވަކިކުރެވޭނީ، އެ މެންބަރަކު ތަމްސީލު ކުރާ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ މެންބަރަކު މެންބަރުކަމުން ވަކިކުރުމަށް އަގުލަބިއްޔަތު ލިބިގެން ކަމަށެވެ.

އެ ވޯޓުން މެންބަރުކަމުން ވަކިކުރަން އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެންބަރަކު މަޖިލީހުގައި ދެމިހުންނަވާނީ، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ، މިނިވަން މެންބަރެއްގެ ގޮތުގައި ކަމަށް ވެސް އިސްލާހުގައިވެއެވެ.

މަޖިލީހުގެ އެ އުމުރުގެ ތެރޭގައި އެ މެންބަރަކު ސިޔާސީ ޕާޓީގެ މެންބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅަން ވެސް ޝުޖާގެ އިސްލާހުގައި ވަނީ ހުށަހަޅައިފައެވެ.

މި އިސްލާހުތައް ހިމަނާފައިވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލްގެ އެއްވަނަ މާއްދާގެ ގޮތުގައެވެ.

ނަމަވެސް މިބިލް ދިރާސާކުރަމުންދިޔަ މުޅި މަޖިލީހުގެ ކޮމީޓީގެ މިއަދުގެ ބައްދަލުވުމުގައި ބިލްގެ އެއްވަނަ މާއްދާ އުނިކުރަން ހުށަހެޅުއްވީ ފުނަދޫ ދައިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. ތާއީދު ކުރެއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ އެވެ.

ބިލުން އެބައި އުނިކުރަން ހުށަހެޅި އިސްލާހު ފާސްކުރީ، މުޅި މަޖިލީހުގެ ކޮމިޓީގައި ތިއްބެވި 61 މެންބަރުންގެ ތެރެއިން 50 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 8 މެންބަރުން ވޯޓު ދެއްވިއެވެ.