ދައުލަތުގެ ޕޭ ފްރޭމްވޯކަށް މިދިޔަ މަހު ގެނައި ބަދަލުގެ ސަބަބުން މުސާރަ ކުޑަވެފައިވާކަމަށް ބުނެ ޖުޑިޝަރީ މުވައްޒަފުން ކަޅު ހެދުމުގައި މިއަދު އޮފީހަށް ގޮސް ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ސިވިލް ކޯޓު، ޑްރަގް ކޯޓު، ފެމިލީ ކޯޓު އަދި ބައެއް މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުން ވަނީ ވަނީ މި އިހުތިޖާޖުގައި ބައިވެރިވެފައެވެ. ފެމިލީ ކޯޓު އަދި ސިވިލް ކޯޓުގެ މުވައްޒަފުން ކަޅު ހެދުމުގައި ހިމޭން އިހުތިޖާޖު ދައްކުވައިދޭ ފޮޓޯތަކެއް އެ މުވައްޒަފުންގެ ފަރާތުން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

ޖުޑިޝަރީގެ ބައެއް މުވައްޒަފުން އަންނަނީ މުސާރައަށް ގެނައި ބަދަލުގެ ސަބަބުން ހުރި ކަންބޮޑުވުންތައް ހާމަކޮށް ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ޕޭ ހާމަނައިޒޭޝަސްގެ ދަށުން ސަރުކާރުގެ ގިނަ ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރިއިރު، ބައެއް މުވައްޒަފުން ވަނީ މުސާރަ ކުޑަވުމުގެ ޝަކުވާ ކޮށްފައެވެ. އެ ޝަކުވާތަކަށް ހައްލު ހޯދައިދޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެ ފަހަރެއްގެ މަތީން ދެއްވައިފައެވެ.

ޖުޑީޝަރީއަށް މާލީ މިނިވަންކަން ދިނުމަށް މިއަހަރު ނިންމާފައި ވުމުން، އެހެން އަހަރުތަކާ ހިލާފަށް އަންނަ އަހަރުގެ ބަޖެޓުގައި ޖުޑިޝަރީގެ ދާއިރާއަށް ހިނގާ ހަރަދު ވަނީ ގްރާންޓެއްގެ ގޮތުގައި ހިމަނައިފައެވެ. އެގޮތުން ޖުޑިޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު މިއީ މިހާރު މިދާއިރާއަށް ކުރެވޭ ހަރަދާ އަޅައިބަލާއިރު 250 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.