އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވައިފިއެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ފައްޔާޒުވަނީ ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވައި ޕާޓީގެ ގައުމީ މަޖިލީހަށް ސިޓީ ފޮނުވައިފައެވެ.

އެ ސިޓީގައި ފައްޔާޒު ވިދާޅުވީ ޕާޓީގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހުރަހަކަށްވާން ބޭނުންނުވާ ކަމަށެވެ. އެހެންވެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ހައްލުކުރަން މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ރައީސް ސޯލިހާއި ނަޝީދު ވަނީ ހިޔާލުތަފާތުވުންތަކަށް ނިމުމަށް ގެނައުމަށް މަސައްކަތް ކުރައްވާނެކަން ހާމަކުރައްވައިފައިކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އެ ދެ ބޭފުޅުން ވާދަކުރެއްވުމުގެ ނަތީޖާއަކީ ފަހުން އަޅުގަނޑުމެން ހިތާމަކުރަން ޖެހިދާނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނު ކަމެކެވެ. މިއީ ކޮންމެހެނެއް ވެސް ޕާޓީ އާއި މުޅި ގައުމުގެ ކުރިމަގަށް ވެސް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އަޅުގަނޑަށް ސިފަވި،" ފައްޔާޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ފަސް ފަހަރެއްގެ މަތިން ނަޝީދު ފެކްޝަނުގެ ބޭފުޅުންނާއެކު ބައްދަލުކުރެއްވިކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ އެ ބައްދަލުވުންތަކުގައި ވަނީ ނަޝީދު ރިޔާސީ ޕްރައިމަރީގައި ވާދަނުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.

އަދި އެ މަޝްވަރާގެ ބައްދަލުވުންތަކުގައި ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓެއް ރިޔާސީ އިންތިހާބުގެ ކުރިން ނެގުމަށާއި އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދުކުރުމާ ގުޅޭ މަޝްވަރާތަކެއް ކުރެވުނުކަން ފައްޔާޒު ވަނީ ފާހަގަކުރައްވައިފައެވެ.

ނަމަވެސް ނަޝީދުގެ ފެކްޝަނާއެކު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން އެ މަޝްވަރާގެ ކަންކަން ހުއްޓުމަކަށް އައިކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މަޝްވަރާތައް ކާމިޔާބު ނުވިނަމަވެސް ރައީސް ސޯލިހުގެ އެދިވަޑައިގަތުމަކަށް ނަޝީދާއެކު މަޝްވަރާތަކެއް ކުރައްވައި، އެއްބަސްވުމަކަށް އައިސްފައިވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން އެ އެއްބަސްވުމުގައި ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ރިޔާސީ ޕްރައިމަރީއެއް ނުބާއްވައި ރައީސް ސޯލިހު ވާދަކުރެއްވުމަށް ކަނޑައެޅުމުގެ އިތުރުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ވޯޓެއް ރިޔާސީ އިންތިހާބުގެ ކުރިން ނެގުން ކަމަށެވެ. އެ ވޯޓުގައި އެމްޑީޕީން ވަކި ނިޒާމަކަށް ތާއީދު ނުކުރަން އެއްބަސްވި ކަމަށްވެސް ފައްޔާޒު ވިދާޅިވިއެވެ.

އެ އެއްބަސްވުންތަކަށް އާދެވުނު ނަމަވެސް ނަޝީދާއެކު އެއްބަސްވުމުގެ ކަންކަން ކުރިއަށް ނުގެންދަން ޕާޓީގެ އިސްވެރިންނަށް ފެނިވަޑައިގެންނެވި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ރިޔާސީ ޕްރައިމަރީ ނިމިގެންދިޔައިރު އެމްޑީޕީގައި އޮތް އެއްބައިވަންތަކަން ވަނީ ގެއްލި ރަހުމަތްތެރިކަމުގެ މޫނު ކެނޑިފައި ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލިގެންދިޔަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ގެއްލުމުން ދެން މަސައްކަތް ކުރެއްވީ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން އެހެން ސިޔާސީ ޕާޓީތަކާއެކު ކޯލިޝަނެއް ހަދަން މަސައްކަތް ކުރި ނަމަވެސް އެކަން ނާކާމިޔާބުވެފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް އެމްޑީޕީން ކުރި ނަމަވެސް ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ޕާޓީއާމެދު ނުތަނަވަސްކަމެއް އުފެދިފައިވާކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

އަދި އާންމު މެންބަރުން ދަނީ ޕާޓީން ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފައްދަމުންކަމަށް ފައްޔާޒު ވިދާޅުވިއެވެ.