ހައިކޯޓުގެ ކުރީގެ ފަނޑިޔާރު މުހައްމަދު ފައިސަލްގެ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
މިދިޔަ މާޗް މަހުގެ 19 އިން ފެށިގެން މިމަހުގެ 19ގެ ނިޔަލަށް ހައިކޯޓުގެ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ފައިސަލް އިސްތިއުފާދެއްވާފައިވާކަން ހައިކޯޓުން މިއަދު ވަނީ އަންގައިފައެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް "ވަން"އަށް މިރޭ ވިދާޅުވީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރެއްގެ މައްސަލަ ރަޖިސްޓާކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮން ފަނޑިޔާރެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
އެ ފަނޑިޔާރާ ގުޅޭގޮތުން ބަލަމުންދަނީ ކޮން މައްސަލަތަކެއްތޯ ސުވާލުކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެއީ ކޮރަޕްޝަނާއި މަނީލޯންޑަރިންގެ މައްސަލަތަކެއް ކަމަށެވެ.
އޭސީސީން ބަލަމުންދާ ކޮރަޕްޝަނާއި މަނީލޯންޑަރިންގެ މައްސަލަތަކަކީ ފައިސަލްގެ މައްސަލަތަކެއްކަން "ވަން"އަށް ވަނީ ކަށަވަރުވެފައެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ އިތުރުން ފައިސަލް ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އޭގެ އިތުރުން ގާނޫނީ ވަކީލެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައިވެސްވެއެވެ.
ފައިސަލްއަކީ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ފައިސަލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން