އީޒެޕްގެ ހިދުމަތްތައް އެމްފައިސާ މެދުވެރިކޮށް ދޭގޮތަށް އުރީދޫ ފިންޓެކް މޯލްޑިވްސް އިން ޕާޓްނާޝިޕެއް ހަދައިފިއެވެ.
އުރީދޫ ފިންޓެކް މޯލްޑިވްސް އާއި އީޒެޕްއާ ދެމެދު ހެދި މި ޕާޓްނާޝިޕް ރަސްމީކޮށް އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، އެ ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ބޮޑެތި ޕްރޮމޯޝަންތަކެއް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ.
"އީޒެޕް އަކީ މިހާރު ރާއްޖޭގައި ވަރަށް މަޝްހޫރު ވަމުން އަންނަ ސުޕާ އެޕެއްް. އެ އެޕް ތެރޭގައި ވަރަށް ބައިވަރު ކަންތައްތަކެއް އެބަހުރި ފީޗާ ކުރެވިފައި. ފުޑް އޯޑަރިން އިން ފެށިގެން ގްރޯސަރީ އޯޑަރިނަށްވެސް. އަޅުގަނޑުވެސް ޓެސްޓް ކޮށްލިން،" ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ އެ ކުންފުނިން އަބަދުވެސް ބަލަނީ ދިވެހި ޕްރޮޑަކްޓްތަކާ ޕާޓްނާކޮށްގެން، އުރީދޫގެ ޕްރޮޑަކްޓްތައް އެފިލިއޭޓްކުރުމަށް ކަމަށެވެ. ވަރަށް އޮމާންކަމާއެކީ އެމްފައިސާ ޑިޖިޓަލް ސިސްޓަމް ތެރޭގައި ގްލޯބަލް ޕޭމަންޓް ގޭޓްވޭއެއްގެ ގޮތަށް ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ތެރެއަށް އެކަންކަން ވަނުމުން، ވަރަށް ބޮޑަށް ދިވެހި އުފެއްދުންތަކަށް، ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ.
"އީޒެޕްގެ ފަރާތުންވެސް އަޅުގަނޑުމެންނާއެކީގައި ވަރަށް ބައިވަރު އެކްޓިވިޓީޒްތައް މާކެޓްތެރެއަށް ނުކުމެގެންދާނެ. އުންމީދުކުރަނީ މި ޕާޓްނާޝިޕްގެ ތެރޭގައި ދިވެހިންނަށް، ދިވެހި ކަސްޓަމަރުންނަށް ދެވޭ ވަރަށް ބޮޑު ހަދިޔާއަކަށްވެގެންދާނެ،" ނިޔާޒް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި އީޒެޕްގެ ސީއީއޯ އަދި ސީއެފްއޯ އަބްދުﷲ މިއުވާން ޝަރީފް ވިދާޅުވީ އުރީދޫއަކީ ބަވަނަވަމުން އަންނަ ދުނިޔެއަަށް ރާއްޖެ ދައްކުވައިދިނުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށްވުމުން، މިހާރު އީޒެޕްއާ ގުޅިގެން އެމްފައިސާ ބޭނުންކޮށްގެން ކާތަކެއްޗާއި ގޭތެރޭގެ ވިޔަފާރިތަކުގައި އެމްފައިސާ ވެގެންދާނީ ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކުގެ ގޭޓްވޭއަކަށް ކަމަށެވެ.
"އުރީދޫއަކީ ރާއްޖެ ބަދަލުކުރުމުގައި ވަރަށް ގިނަ ބަދަލުތަކެއް ގެނައި ކުންފުންޏެއް. އެހެންވީމަ އަޅުގަނޑުމެން މި އުންމީދުކުރަނީ އީޒެޕްއާ ގުޅިގެން އަޅުގަނޑުމެންގެ މިއުޗުއަލް ކަސްޓަމާސްއަށްވެސް މި ބަދަލުތައް ގެނެވޭނެ ކަމަށް،" މިއުވާން ވިދާޅުވިއެވެ.
އުރީދޫން ބުނީ އެ ޕާޓްނާޝިޕްގެ ދަށުން އީޒެޕް ބޭނުންކުރާ ފަރާތްތަކަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެމްފައިސާ މެދުވެރިކޮށް ރައްކާތެރި އަދި މެދުނުކެނޑި ޑިޖިޓަލް ޕޭމަންޓްތައް ކުރެވޭނެ ކަމަށެވެ.
އެމް-ފައިސާ އަކީ ރާއްޖޭގައި އެންމެ އިތުބާރުކުރެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންތަކުގެ ތެރޭގައި ހިމެނޭ ޑިޖިޓަލް ވޮލެޓެކެވެ. އީޒެޕްގެ އިންޓެގްރޭޝަން އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އުރީދޫން ދެކެއެވެ.
އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން ކެފޭ ރެސްޓޯރަންޓު، ގެސްޓްހައުސް، ގޭބިސީތަކުގެ ބިލުތައް ދައްކައެވެ.
ފާތިމަތު ލިއުޝާ
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް