ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އަކުރަމް އަބްދުލްޣަނީ (އަކޫ) އަނެއްކާވެސް ކަކުލުގެ ސާޖަރީއެއް ފުރިހަމަ ކޮށްފިއެވެ.
އަކޫގެ ކަކުލަށް ބޮޑު އަނިޔާއަކީ ކުރިމަތިވީ 2022 އަހަރު ޖުލައި މަހު ގައުމީ ޓީމުން ބްރުނާއީ ދާރުއްސަލާމްގައި ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
އެފަހަރު އަކޫ ސާޖަރީ ކުރީ ކަކުލުގެ ލިގަމެންޓާއި މެނިސްކަސްއަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށެވެ. އޭނާ އެފަހަރު ސާޖަރީ ފުރިހަމަ ކުރީ ޓްރީ ޓޮޕް ހޮސްޕިޓަލުންނެވެ.
އެ އަނިޔާއިން ރަނގަޅުވުމަށް އަކޫ ވަނީ މިދިޔަ ދެ އަހަރެއްހާ ދުވަހު މަސައްކަތްތަކެއް ކޮށްފައެވެ. އެހެންނަމަވެސް އެކަށީގެންވާ ވަރަށް ފިޓް ވެވިފައެއް ނުވެއެވެ. އެހެން ނަމަވެސް އެފްއޭއެމް ދެވަނަ ޑިވިޝަނުގައި އޭނާ ވަނީ ވިކްޓްރީއަށް ކުޅެފައެވެ.
އަކޫ 2023 ވަނަ އަހަރު ވިކްޓްރީއަށް ސޮއިކުރި އިރުވެސް ހުރީ ރިކަވަރީގައެވެ. އެފަހަރު ދެވަނަ ޑިވިޝަނުގައި އޭނާ ކުޅެން ނިންމީވެސް މުޅިން ފިޓް ނުވާތީއެވެ.
އަކޫ އިއްޔެ ދެވަނަ ފަހަރަށް ކަކުލުގެ ސާޖަރީ ހެދީ ފުރަތަމަ ހެދި ސާޖަރީ އެންމެ ކާމިޔާބު ނުވުމުން ކަމަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ސްޕޯޓްސް ޑޮކްޓަރު، އަހުމަދު ޝަކީބް (ޝަކީއްބެ) ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ޝަކީބް ބުނީ އަކޫ އޭސީއެލް ރެކޮންސްޓްރަކްޝަން ރީޑޫ ސާޖަރީއެއް ހަދާފައިވާ ކަމަށާއި، ސާޖަރީ ކާމިޔާބު ކަމަށެވެ. މިފަހަރު އޭނާ ޕާޝިއަލް މެނިސްކެކްޓޮމީ ފުރިހަމަކުރީ ސްރީ ލަންކާގެ ހޮސްޕިޓަލަކުންނެވެ. އެއީ މި ރީޖަންގެ އެންމެ ރަނގަޅު އެއް ކަށީގެ ޑޮކްޓަރު މަނިލް ފެނާންޑޯ ކައިރިންނެވެ.
ސްޕޯޓްސް އިންޖަރީއަށް ހާއްސަ މަނިލްއަށް ޝަކީބް ޝުކުރު އަދާކޮށްފައިވާ އިރު، އޭނާ ބުނީ އަކޫގެ ރިކަވަރީއަށްވެސް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަކޫއަކީ މިފަހަކަށް އައިސް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރެވެ. އޭނާއަކީ ރާއްޖެއިން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި އިރު، އެޓީމުގެ ކެޕްޓަނެވެ.
މުޙައްމަދު ޝަމްޢޫން
އަކްރަމް އަބްދުލްޤަނީ (އަކޫ)
އަކްރަމް އަބްދުލްޤަނީ (އަކޫ)
އަކްރަމް އަބްދުލްޤަނީ (އަކޫ)
އަކްރަމް އަބްދުލްޤަނީ (އަކޫ)