ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާއެކު ބަޔާން މިއުނިކްގެ ލުއިސް ޑިއާޒް، ޔޫރަޕްގެ ތިން މެޗަށް ސަސްޕެންޑް ކޮށްފިއެވެ.

ބަޔާނުން 2-1 އިން ޕީއެސްޖީން ބަލިކުރި މެޗުގައި އެޓީމުގެ ދެ ގޯލްވެސް ޖެހީ ކޮލަމްބިއާ ފޯވަޑް، ޑިއާޒެވެ. އެ ދެގޯލަށްފަހު އޭނާ ދަނޑުން ފޮނުވާލަން ޖެހުނީ އަޝްރަފް ހަކީމީއަށް ކުރި ނުރައްކާތެރި ފައުލެއްގެ ސަބަބުންނެވެ. އެއީ ގާތްގަނޑަކަށް ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ.

ޑިއާޒްގެ އެޓްކުލާ ހެދި ހަކީމީއަށް ވަނީ އަނިޔާވެފައެވެ. އެ މެޗަށްފަހު މިހާތަނަށް ޕީއެސްޖީން ކުޅުނު ލީގު މެޗެއްގައި ހަކީމީ ކުޅެފައެއް ނުވެއެވެ. މިދިޔަ ހަފުތާ ތެރޭގައި އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާ އެވޯޑު ބަލައި ހަކީމީ ދިޔައީ ސްކޫޓަރެއްގައެވެ.

ޔޫއެފާއިން ނިންމާފައި ވަނީ ޑިއާޒް ކުރި ޓެކުލަކީ ނުރައްކާތެރި ޓެކުލެއް ކަމަށާއި، އިތުރު ފިޔަވަޅެއްގެ ގޮތުން ޖުމުލަ ތިން މެޗަށް ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.

އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނީ އޭނާއަށް އެނގުނު ގޮތުގައި ޑިއާޒް ސަސްޕެންޑް ކުރީ އެއް މެޗަށް ކަމަށާއި، އިތުރު ދެމެޗަށް ސަސްޕެންޑް ކޮށްފިނަމަ، އެއީ ވިސްނަން ޖެހޭނެ ކަމެއް ކަމަށެވެ.

ޔޫރަޕްގެ ސަސްޕެންޝަނާއެކު ޑިއާޒަށް ގެއްލޭނީ، އާސެނަލް، ސްޕޯޓިން އަދި ޔޫނިއަން ސެއިންޓް ގިލޮއިސްއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.