ސާފްގެ އެންމެ ފުރަތަމަ ފުޓްސަލް މުބާރާތް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ފާރޫކް ޒަކިރޯވް ހަމަޖައްސައިފިއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ ފާރޫކް ޓީމާ ހަވާލުވާނީ ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 31، 2026 ގެ ނިޔަލަށް ކަމަށެވެ.

ފާރޫކް މިވަގުތު ހުރީ އުޒްބެކިސްތާނުގެ ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗުގެ މަގާމުގައެވެ. މިއަހަރު ޗައިނާގައި އޮތް އޭޝިއަން ވިމެންސް ފުޓްސަލް ކަޕަށް އުޒްބެކިސްތާނު ކޮލިފައިކޮށްދީ އެމުބާރާތުގައި އެޓީމަށް އިރުޝާދު ދިނީ ވެސް ފާރޫކެވެ.

އޭގެ އިތުރުން ފާރޫކަކީ މިވަގުތުވެސް އެގައުމުގެ ފުޓްސަލް ލީގުގައި ވާދަކުރާ ނެފްޗީ ފުޓްސަލް ކްލަބުގެވެސް ކޯޗެވެ. ރާއްޖޭގެ ޓީމާ އޭނާ ހަވާލުވީ ހާއްސަ އެޕްރޫވަލްއެއް ލިބިގެންނެވެ.

ފާރޫކަކީ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިއެކެވެ.

ސާފުން މުޅިން އަލަށް ބާއްވާ ފިރިހެން ފުޓްސަލް މުބާރާތާއި އަންހެން ފުޓްސަލް މުބާރާތްވެސް އޮންނާނީ އަންނަ އަހަރު ޖެނުއަރީގައެވެ. އަންހެން މުބާރާތް ޖެނުއަރީ 13 އިން 25 އަށް ކުރިއަށްދާ އިރު، ފިރިހެން މުބާރާތް އޮންނާނީ ޖެނުއަރީ 14 އިން 26 އަށެވެ.

އެ ދެމުބާރާތްވެސް އޮންނާނީ ތައިލެންޑްގެ ބެންކޮކު ގައެވެ. އެއީ ނޮންތަބުރީ ސްޓޭޑިއަމްގައެވެ.

ސާފް އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތްވެސް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ފިރިހެން ފުޓްސަލް މުބާރާތުގައި ވާދަކުރަނީ ބަންގްލަދޭޝްއާއި ބޫޓާން، ރާއްޖެ، އިންޑިއާގެ އިތުރުން ނޭޕާލާއި ޕާކިސްތާން އަދި ސްރީ ލަންކާއެވެ. އަދި އަންހެން މުބާރާތުގައިވެސް ވާދަކުރާނީ އެ ގައުމުތަކެވެ.