ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި އެއްވެސް ހާލަތެއްގައި ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ފުލުހުންގެ އަހުލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާއި ހިލާފު އެފަދަ ކޮންމެ މައްސަލައަކީ ބޮޑު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ވިލިމާލެ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުއްޓައި ސިނގިރޭޓު ކާޓޫނުތަކެއް ގެއްލުނު ދެ މައްސަލައެއް ފުލުހުން ވަނީ ބަލަން ފަށައިފައެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކަންކަމަކީ ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަހުލާގާއި، ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.

"ވީމާ, މިކަމުގައި ބައިވެރިވެފައިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި ކަންކަން މި ހިދުމަތުން ކުރާނެ ވާހަކަ ދަންނަވަމެވެ..،" އެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ފުލުހުންގެ ހިދުމަތުން ފުރުސަތެއް ނުދޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ފުލުހުންގެ ހިދުމަތުގެ ހުރިހާ މުވައްޒަފުންނަކީވެސް، ޖަވާބުދާރީވުމާއި، ނަޒާހާތްތެރިކަން ހިފަހައްޓައި ސާބިތުކަމާއެކު ދެމިތިބެ، އިހުލާސްތެރި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީ، މި މުއައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަންކުރަމުންގެންދާ މައިގަނޑު އަމާޒެވެ..،" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިހާރު ބަލަމުންދާ އެ ދެ މައްސަލައަކީ ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓޫން ސިނގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެ ތެރެއިން ހަ ކާޓޫން ސިނގިރޭޓު މަދުވެފައިވާ މައްސަލައަކާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓޫން ސިނގިރޭޓު މަދުވެފައިވާ މައްސަލައެކެވެ.