އިންޑިއާގެ، ޓުޓިކޮރިންއިން ކުޅުދުއްފުށި ސިޓީ ދާއިމީ ގޮތެއްގައި މުދާ ގެނެވޭނެ އިންތިޒާމްތައް ހަަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ކުޅުދުއްފުއްޓަށް މުދާ ހިފައިގެން އައި ފުރަތަމަ ބޯޓު ވަނީ މިއަދު ކުޅުދުއްފުށި ޕޯޓަށް ބަނދަރުކޮށްފައި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފިއެވެ.
އެމްޕީއެލުން މިއަދު ބުނީ ކުޅުދުއްފުށި ބަނދަރަށް މިއަދު ބަނދަރުކުރީ ޓުޓިކޮރިން އިން 127 ޓަނުގެ މުދާ ބަރުކޮށްގެން އައި "ވީބީ ޕްރޮގްރެސް" ބޯޓު ކަމަށެވެ. އެ ބޯޓުން ގެނައީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި އަމިއްލަ ވިޔަފާރިއެއްގެ ޕެރިޝަބަލް ކާގޯކަމަށް އެމްޕީއެލްއިން ބުންޏެވެ.
"މި ވަގުތު ޝެޑިއުލްކޮށްފައިވަނީ ކޮންމެ މަހަކު ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް އެއް ދަތުރު ކުރާ ގޮތަށެވެ. އެހެން ނަމަވެސް، މުދާ ގެންނަ މިންވަރަކުން، މި ދަތުރުތައް އިތުރުކުރެވޭނެ" އެމްޕީއެލްއިން ބުންޏެވެ.
ދާއިމީ ގޮތެއްގައި ޓުޓިކޮރިންއިން ސީދާ ކުޅުދުއްފުއްޓަށް މުދާ ގެނެވޭނެ އިންތިޒާމް ހަމަޖެހުމުން، ކުޅުދުފުއްޓާއި އުތުރުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބުމަށް މަގު ފަހިވެގެންދާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލުން ބުނީ ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ބަނދަރުގެ އޮޕަރޭޝަންސްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިންޑިއާގެ ޓުޓިކޮރިން ކުޅުދުފުއްޓަށް ދާއިމީ ގޮތެއްގައި ދަތުރުތައް ހަމަޖައްސަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.
އެގޮތުން، މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކުޅުދުއްފުށި ވިޔަފާރިވެރިންނާ އެކު، އެމްޕީއެލްއިން ވަނީ ބައްދަލުވުމެއް ބާއްވައިފައި ކަމަށް އެމްޕީއެލުން ބުންޏެވެ.
އެ ބައްދަލުވުމުގައި އުތުރުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމައި، މުދާ ގެނައުމަށް ވިޔަފާރިވެރިންނަށް އޮތް އިންތިޒާމްތައް ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ފޯރުކޮށްދީ، ވިޔަރާފިވެރިންގެ ހިޔާލު ހޯދައިފައިވާނެކަމަށް އެމްޕީއެލުން ބުންޏެވެ.
އަދި އެމްޕީއެލް މެދުވެރިވެގެން މިދިޔަ އަހަރު ޓުޓިކޮރިން އިން ހިތަދޫ ޕޯޓަށް ދާއިމީކޮށް މުދާ ގެނެވޭނެ އިންތިޒާމްތައް ވަނީ ރާވައިފައިކަމަށް އެމްޕީއެލުން ބުންޏެވެ. ފުރަތަމަ މަހަކު އެއް ދަތުރު ޝެޑިއުލް ކުރި ނަމަވެސް، މިހާރު މަހެއްގެ ކުރާ ދަތުރުގެ އަދަދު ވަނީ އިތުރުކޮށްފައިކަމަށް އެމްޕީއެލުން ބުންޏެވެ.
މުހައްމަދު އިޝާން
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް