މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 'ދާރުލްއަރްގަމް' ވަގުފު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެ ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހެންވޭރު 64 ނަމްބަރު ކޮށީގައި 12 ބުރިއަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުގަމް ވަގުފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރުމަށް ނިންމާފައިވާ ތަނެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެ ކަމަށެވެ.
އޭގެ އިތުރުން އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ އިރު، އެއްވަނަ ފްލޯއިން 12 ވަނަ ފްލޯއަށް ޒަމާނީ އޮފީސް ބައިތަކާއި މީޓިން ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެ ކަމަށެވެ. އަދި އިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއްގެ ގޮތުގައި ގާއިމުކުރާ ބައެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ އިމާރާތުގައި ލިފްޓު ހަރުކޮށް، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނުކުމެ ހެދޭނެ އިންތިޒާމު ގާއިމުކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ)އާ ހަވާލުކޮށްގެން 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ޖުމުލަ އަގަކީ 39،462،545.08 (39.4 މިލިއަން) ރުފިޔާއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫއުއެކެވެ.
އެ މަޝްރޫއުއަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގައި ވަގުފު ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއުއެކެވެ. ދާރުލްއަރްގަމްގެ އިތުރުން ހުޅުމާލޭގައި ވަގުފު އިމާރާތަކާއި މާލޭގައި ކީރިތި ގުރުއާނަށް ހާއްސަ ވަގުފު އިމާރާތެއް އެޅުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
ފާތިމަތު ލިއުޝާ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ