މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ "ފަހި ޕްރޮގްރާމް-އެކުއެކީ، ގުޅިގެން" ވަޒީފާގެ ފުރުސަތު ޔަގީންކޮށްދިނުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްފިއެވެ.
އެ ޕްރޮގްރާމު އިފްތިތާހުކުރުމަށް މީރުމާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވަނީ އެމްޕީއެލްގެ ވަޒީފާގެ ފުރުސަތު ލިބުނު މީހުންނަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވައިފައެވެ.
އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ކޯޕަރޭޓް ސާވިސް ޑިވިޝަންގެ ހެޑް އަބްދުﷲ ރަޝީދު ވިދާޅުވީ ރައްޔިތުން ގަބޫކުރަންޖެހޭ ކަމަކީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އެފަދަ ފަހި ފުރުސަތުތައް ފަހިކޮށްދިނުމަށް ކުންފުނިތަކުގެ ބޯޑުތައް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.
"މިނިސްޓްރީ އޮފް ސޯޝަލް ޑިވެލޮޕްމަންޓާއި އެމްޕީއެލްއާއެކު ސޮޮއިކުރެވުނު ހިސާބުން އެމްޕީއެލުން މި ސާވިސް ކުރިއަށްގެންދިއުމަށްޓަަކައި ޕޭޕަރެއް ތައްޔާރުކޮށްގެން އެމްޕީއެލްގެ ބޯޑަށް ގެންދިއުމުން ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން މި ކަމަށް މަގުފަހިކޮށްދެއްވައި، އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގެ ގޮތުގައި މި ޕްރޮގްރާމް ކުރިއަށްގެންދެވުނު ނަމަވެސް، އެބޭފުޅުންނަށް އެލަވަންސެއް ހަމަޖައްސައިދިނުމުން އެމްޕީއެލްގެ ބޯޑަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރުވެސް އެމްޕީއެލްގެ ތިން ތަނެއްގައި ނުކުޅެދުންތެރިކަން ހުންނަ 32 މުވައްޒަފަކު ވަޒީފާ އަދާކުރާ ކަމަށެވެ. އޭގެ ތެރޭގައި ދިހަ އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރާ މުވައްޒަފުން މިހާރުވެސް އެމްޕީއެލްގެ ވަޒީފާގައި ތިބި ކަމަށެވެ.
"ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެނީ ހަމައެކަނި މާލެއަކުން ނޫން. އިތުރު ދެ ޕޯޓު ކަމުގައިވާ ހދ. ކުޅުދުއްފުށި ޕޯޓުންނާއި ސ. ހިތަދޫ ޕޯޓުންވެސް މި ވަޒީފާގެ ފުރުސަތު އެބަ ތަނަވަސްކޮށްދެން،" އޭނާ ވިދާޅުވީއެވެ.
މި 40 ފުރުސަތުގެ ތެރޭގައި ކުޅުދުއްފުށި ޕޯޓުގެ ދެ ފަރާތަކަށާއި ހިތަދޫ ޕޯޓުގެ ތިން ފަރާތެއް އަދި މާލޭގައި 35 ފަރާތަކަށް ވަޒީފާގެ ފުރުސަތު ހަމަޖައްސާފައިވާނެ ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ އެމްޕީއެލްގެ މަގުސަދަކީ އެ ވަޒީފާ ލިބުނު ފަރާތަކަކީ އެ ކުންފުނީގެ ދާއިމީ އޮނިގަނޑުގެ ތެރެއިން އެ ފަރާތްތަކުގެ ގާބިލިއްޔަތާއި ހުނަރު ހުރި އިދާރާތަކަށް ދާއިމީކުރަން ނިންމާފައިވާ މުވައްޒަފުން ކަމަށެވެ.
"ގަބޫލުކުރަންޖެހޭ ހަގިގަތަކީ، ދޭ އާ ޑިފަރެންޓް. ބަޓް ދޭއާ ނޮޓް ލެސް،" ރަޝީދު ވިދާޅުވިއެވެ.
ރަޝީދު އިތުރަށް ވިދާޅުވީ ވަޒީފާގައި ތިބެގެން ތައުލީމު ހާސިލުކުރެވޭނެ ފުރުސަތުތަަކަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރަމުންގެންދާ ކަމަށެވެ. އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން ކުރިއަށްއޮތް ހަ މަސްދުވަހު އެ މީހުން ވަޒީފާގައި އެއް އަހަރުވެގެންދާއިރުގައި ރާއްޖޭގެ ގައުމީ ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް އޮނިގަނޑުގެ ލެވެލް 3 ނުވަތަ އިނީޝިއަލް ސްޓޭޖަކަށް ބަލައިގެން ސެޓިފައިޑް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.
އެމްޕީއެލްގެ ވަޒީފާގައި މިހާރު ތިބި ފަރާތްތަކަށްވެސް އެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް ރަޝީދު ވިދާޅުވިއެެެވެ.
ފާތިމަތު ލިއުޝާ
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް