ރައްޔިތުންގެ މަޖިލީހަށް އިތުރަށް ބޭނުންވާ 3.5 މިލިއަން ރުފިޔާ ލިބޭނެގޮތަށް، އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ދެންމެ ފާސްކޮށްފިއެެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
"2026 ވަނަ މާލީ އަހަރަށް ހުށަހަޅާ ބަޖެޓަކީ 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި ރުފިޔާ). މި ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ،" މިދިޔަ މަހުގެ 30 ގައި މަޖިލީހަށް ބަޖެޓް ބަޔާން ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ނަމަވެސް ގިނަ މިނިވަން މުއައްސަސާތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރު ކުޑަ ކަމަށްބުނެ، އެ މުއަައްސަސާތަކުގެ ބަޖެޓް އިތުރަށް ބޮޑުކޮށްދޭން އެ މުއައްސަސާތަކުން ކޮމިޓީގައި އެދުނެވެ.
ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، އަންނަ އަހަރު ވަރަށް ބޮޑެތި ހަރަދުތަކެއް ކުރަން އޮތުމުން، މިނިވަން މުއައްސާތަކުގެ ބަޖެޓަށް އިތުރުކޮށްދިނުމަށް، އެ މުއައްސަސާތަކުން އެދުނު އަދަދުތަކަށް އިތުރަށް ފައިސާ ދެވެން ނެތްކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
ނަމަވެސް މަޖިލިސް އިދާރާއިން އިތުރުކޮށްދިނުމަށް އެދިފައިވާ 3.5 މިލިއަން ރުފިޔާ މަޖިލިސް ބަޖެޓަށް އިތުރުކޮށްދޭން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެކަން ހަމަޖައްސައިދީފައިވަނީ ބަޖެޓަށް ފައިސާ އިތުރުނުކޮށް، ބަޖެޓަށް ގެންނަން އެޖަސްމެންޓަކުން އިތުރު ކުރެވޭގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
ކޮމިޓީން ސަރުކާރަށް ބައެއް ރެކޮމެންޑޭޝަންތައް ވެސް ވަނީ ބަޖެޓުގެ ތެރެއިން މަތިކޮށްފައެވެ.
އެ ކަންތައްތަކާއެކު، ސަރުކާރުން ހުށަހަޅާފައިވާ އަދަދުތަކަށް ބަދަލު ނާންނަގޮތަށް، ބަޖެޓް ފާސްކުރަން ކޮމިޓީއަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. ތައީދު ކުރެއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.
އެ ހުށަހެޅުމާއެކު ކޮމީޓީން ބަޖެޓް ފާސްކުރީ ފެންނަ ކަމަށް އަށް ވޯޓު، އަދި ނުފެންނަ ކަމަށް ހަތަރު ވޯޓުންނެވެ.
ދެން ބަޖެޓް ދިރާސާކުރުމަށްފަހު ކޮމިޓީން އެކުލަވައިލި ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހަޅައި ބަހުސްކުރާނެއެވެ.
މަޖިލީހުން ބަޖެޓް ފާސްކުރާނީ އެއަށްފަހުއެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ، މިއީ 2021 ވަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ހަމަޖެހިފައިވާތީ، ދަރަނި އަނބުރާ ދެއްކުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ބަޖެޓަށް އައި އިތުރުވުމެއް ކަަމަށެވެ.
މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދާ ނުލައި މި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރަށްވުރެ ކުޑަ ބަޖެޓެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަމަވެސް މެދުރާސްތާގައި ދަރަނި އަނބުރާ ދެއްކުމުގެ ހަރަދު ކުޑަވާނެކަމަށް ބެލެވޭތީ 2027 ވަނަ އަހަރު 56.8 ބިލިއަން ރުފިޔާ އަދި 2028 ވަނަ އަހަރު 57.0 ބިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓު ދަށްވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް އެކަށައަޅާފައިވަނީ ރިކަރަންޓް ހަރަދަށެވެ. މީގެ ތެރޭގައި ގިނަ ޒަމާންތަކަކަށްފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރަށް ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 31.3 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 8.7 ބިލިއަން ރުފިޔާއެވެ.
ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 373.6 މިލިއަން ރުފިޔާއާއެކު، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.3 ބިލިއަން ރުފިޔާވެ.
މިއީ މި އަހަރު ދައުލަތަށް ލިބޭނެކަމަށް މިހާރު އަންދާޒާ ކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއާ އަޅައިބަލާއިރު 6.6 ޕަސެންޓް އިތުރު އަދަދެކެވެ.
އިބްރާހިމް ޒަކީ
ދައުލަތުގެ ބަޖެޓު 2026
ދައުލަތުގެ ބަޖެޓު 2026
ދައުލަތުގެ ބަޖެޓު 2026