ހައިކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސައާ ހަވާލުކޮށްފިއެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި މިހާރު ހުންނެވީ ފަނޑިޔާރު މުހައްމަދު ފައިސަލެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ހައިކޯޓުގެ ހިންގުން ވަގުތީގޮތުން ފަނޑިޔާރު ޖަމީލް މޫސައާ ހަވާލުކުރެއްވީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ކަމަށެވެ.

ނަމަވެސް އެ ބަދަލު ގެނައި ސަބަބުން ޖޭއެސްސީން ނުބުނެއެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ފައިސަލްއާ ގުޅޭ ސުލޫކީ މައްސަލައެއް ނުވަތަ އެހެން މައްސަލައެއްވެސް ބަލަމުންދާކަން ޖޭއެސްސީން މީގެކުރިން ހާމަކޮށްފައެއް ނުވެއެވެ.

ފަނޑިޔާރު ޖަމީލު މޫސައަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޖަމީލު މޫސަ އައްޔަންކުރައްވާފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ ތިންވަނަ ދުވަހުގައެެވެ.

ފަނޑިޔާރު ޖަމީލު މޫސާ ވަނީ 2002 ސެޕްޓެމްބަރުން ފެށިގެން 2009 ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ލ. ލަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމު އަދާކުރައްވައިފައެވެ. 2009 ފެބްރުވަރީ 01 އިން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ވަނީ މަސައްކަތް ކުރައްވައިފައެވެ.

ގާޒީގެ މަގާމުން ވަކިވެވަޑައިގެން ޖަމީލު މޫސާ މަސައްކަތްކުރެއްވީ ގާނޫނީ ވަކީލެެއްގެ ގޮތުގައެވެ.