ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މެންބަރަކު އޭނާ މަޖިލީހުގައި ހިމެނޭ އަދި ތަމްސީލުކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ ދާއިރާގެ ގޮނޑި ގެއްލުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ގޮތަށް (ގޮނޑި ގެއްލުވާލުމުގެ ބާރު ރައްޔިތުންނަށް ދޭން) ތާއީދު ނުކުރައްވާކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެންބަރަކު ތަމްސީލުކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ މިހާރު އޮތް ޕީއެންސީ މެޖޯރިޓީން މިދިޔަ އަހަރުއެވެ.

ނަމަވެސް، މެމްބަރުކަމުން ވަކިކުރުމުގެ އިޖުރާއަތްތައް ކަނޑައެޅުމުގެ މަގުސަދުގައި ކަމަށްބުނެ، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ވެސް ޕީއެންސީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަށް އިތުރުކުރަން ޝުޖާއު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ، މަޖިލިސް މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކަމުން ވަކިކުރެވޭނީ، އެ މެމްބަރަކު ތަމްސީލު ކުރާ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ މެމްބަރަކު މެމްބަރުކަމުން ވަކިކުރުމަށް އަގުލަބިއްޔަތު ލިބިގެން ކަމަށެވެ.

އަދި އެ ވޯޓުން މެމްބަރުކަމުން ވަކިކުރަން އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެމްބަރަކު މަޖިލީހުގައި ދެމިހުންނަވާނީ، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ، މިނިވަން މެމްބަރެއްގެ ގޮތުގައި ކަމަށް ވެސް އިސްލާހުގައިވެއެވެ.

ނަމަވެސް މަޖިލީހުގެ އެ އުމުރުގެ ތެރޭގައި އެ މެމްބަރަކު ސިޔާސީ ޕާޓީގެ މެމްބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މެމްބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅަން ވެސް ޝުޖާގެ އިސްލާހުގައި ވަނީ ހުށަހަޅައިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލަށް ކުރި ބަހުސްގައި ފަލާހު ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހުގެ ސިޔާސީ ޕާޓީތައް އުފެދުނުފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވިޔަސް، ރިޔާސީ އިންތިހާބު ވިޔަސް ކައުންސިލްތަކުުގެ އިންތިހާބު ވިޔަސް އާއްމު ގޮތެއްގައި މެންބަރުން ކުރިމަތިލައްވަނީ ކޮންމެވެސް ސިޔާސީ ޕާޓީގެ ފަރާތުން ކަމަށެވެ.

އަދި މިހާތަނަށް ކަން ހިނގާފައިވާގޮތަށް ބަލާއިރު، އެފަހަރަކު ރައީސް ކަމަށް ވަޑައިގަންނަވާ ބޭފުޅަކު ނިސްބަތްވާ ޕާޓީއަށް، ސަރުކާރު ހިންގަން ފަސޭހައަކަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ދެމުން އަންނަ އިރު، މަޖިލީހަށް އެ މެންބަރުން އިންތިހާބު ވަނީ އެ މެންބަރަކު ނިސްބަތްވާ ޕާޓީން ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެގެން، ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދީގެން ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންވީމަ ހަގީގަތަކީ މިތަނަށް މި އަންނަނީ އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތު އޭގެ ތެރޭގައި އިސްކުރަން ކަމަކަށް ގަބޫލެއް ނުކުރަން، އަޅުގަނޑުމެންގެ އެއްވެސް މެންބަރެއްގެ ވިސްނުންހުރީކީވެސް އެގޮތަކަށް ނޫން، ވަރަށް އިހުލާސްތެރިކަމާއި އަމާނަތްތެރިކަމާއެކު، ކޮންމެ މެންބަރަކުވެސް ކޮންމެ ދުވަހަކު ރައްޔިތުންގެ ހިދުމަތުގައި ގައުމުގެ ހައްގުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ،"

ފަލާހު ވިދާޅުވީ، މެންބަރު މަޖިލީހަށް ކޮށްދޭ ހިދުމަތް ކަމުނުގޮސްގެން ނުވަތަ ހިދުމަތް ބޭނުން ނުވެގެން، ޕާޓީން ވަކި ކުރުމުން މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އެކަމުގައި އިތުރަށް، ދާއިރާގެ ރައްޔިތުންގެ ވޯޓަށް ދާން ނުޖޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ހޮވި ޕާޓީން، އެ ޕާޓީއެއް ތަމްސީލުކުރަން ވޯޓު ދިން ޕާޓީން، އެ ޕާޓީއަށް އަޅުގަނޑުގެ ހިދުމަތް ކަމުނުދާނެކަަމަށް، އެ ޕާޓީއަށް ބޭވަފާތެރިވެއްޖެކަމަށް ފެންނަ ހިނދެއްގައި ޕާޓީން ވަކިކުރީމަ އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް،"

ފަލާހު ވިދާޅުވީ މެންބަރު ޕާޓީން ވަކިކުރީމަ އެހުރީ ގޮނޑި ގެއްލިފައި ކަމަށެވެ.