ހަސީނާ މެރުމަށް ހުކުމްކުރުމަކީ އެ ގައުމުގެ ދާހިލީ ކަމެއް ކަމަށް ޗައިނާއިން ބުނެފިއެވެ.

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އިންސާނިއްޔަތާ ހިލާފު އަމަލު ހިންގިކަމުގެ ތުހުމަތު ސާބިތުވެ އެ ގައުމުގެ ކޯޓުން މިދިޔަ ހޯމަ ދުވަހު ވަނީ ހަސީނާ މެރުމަށް ހުކުމްކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވައްވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަނީ ބަންގްލަދޭޝްގެ ކޯޓަކުން ހަސީނާ މެރުމަށް ހުކުމްކުރުމަކީ އެ ގައުމުގެ ދާހިލީ ކަމެއް ކަމަށް ވިދާޅުވެ، އެކަމުގައި ކޮމެންޓުކުރުމަށް ދެކޮޅު ހައްދަވައިފައެވެ.

ތަރުޖަމާނު ވިދާޅުވީ ޗައިނާއިން އަބަދުވެސް ގަބޫލުކުރަނީ ދޭދޭ ގައުމުތަކުގެ އަމިއްލަ ކަންކަމާ ނުބެހުމަށާއި ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ކަމަށެވެ. އޭގެ އިތުރުން ޗައިނާ އިން އަބަދުވެސް އެދެނީ ބަންގްލަދޭޝްގެ އާންމުންނަށް އަމާންކަން ކަމަށާއި ގައުމު ހަމަމަގަށް އެޅުން ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އުމުރުން 78 އަަހަރުގެ ޝެއިހް ހަސީނާ މެރުމަށް އެގައުމުގެ ކޯޓުން ހުކުމްކޮށްފައިވަނީ ހަސީނާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ އާންމުން ކުރަމުން އައި ހަނގުރާމަ ހުއްޓުވުމަށް ބާރުގެ ބޭނުންހިފައި 1،400 އަށްވުރެ ގިނަ މީހުން މަރުވި މައްސަލަ ބެލުމަށްފަހުގައެވެ.