އެެމެރިކާގެ ރައީސް އަދި ބިލިއަނަރު ޑޮނަލްޑް ޓްރަމްޕުގެ "ދަ ޓްރަމްޕް އޯގަނައިޒޭޝަން" އިން ކ. އަތޮޅުގައި މަތީ ފަންތީގެ ރިސޯޓެއް ތަރައްގީކުރަން ނިންމައިފިއެވެ.
"ދަ ޓްރަމްޕް އޯގަނައިޒޭޝަން" ގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނީ، ލަގްޒަރީ ރިއަލް އެސްޓޭޓް ޑިވެލޮޕަރު ޑާ ގްލޯބަލް އާއި ދަ ޓްރަމްޕް އޯގަނައިޒޭޝަން ގުޅިގެން ތާރީހީ ދެ ކާމިޔާބީއެއް އިއުލާނުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ، ޓްރަމްޕް އިންޓަނޭޝަނަލް ހޮޮޓެލް މޯލްޑިވްސް ރާއްޖޭގައި ތަރައްގީކުރުން ކަމަށާއި އެއީ އެ ކުންފުނިން ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ މަޝްރޫއު ކަމަށެވެ.
ދެވަނަ ކަމަކީ، ރާއްޖޭގެ މަޝްރޫއާ ގުޅިގެން ދުނިޔޭގެ ފުރަތަމަ ޓޯކަނަލައިޒްޑް ހޮޓެލް ތަރައްގީކުރުން ކަމަށް ބުންޏެވެ.
މާލެއިން ފުރައިގެން ލޯންޗުގައި 25 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީކުރާ ޓްރަމްޕް ހޮޓެލް މޯލްޑިވްސްގައި 80 އަށްވުރެ ގިނަ އަލްޓްރާ ލަގްޒަރީ ބީޗް އަދި އޯވާ ވޯޓާ ވިލާ ހުންނާނެއެވެ. އެ ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރުގެ ފަހުކޮޅުއެވެ.
"ޑާ ގްލޯބަލްއާ ގުޅިގެން ޓްރަމްޕްގެ ބްރޭންޑް ރާއްޖެ ގެނައުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޕްރޮޖެކްޓްގެ ސަބަބުން އެ ސަރަހައްދުގައި ލަގްޒަރީއަށް އާ މާނައެއް ދިނުމުގެ އިތުރުން ޓޯކެން މެދުވެރިކޮށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ އާ މިންގަނޑެއް ގާއިމު ކުރެވިގެންދާނެ،" ޓްރަމްޕް އޯގަނައިޒޭޝަންގެ އީވީޕީ އެރިކް ޓްރަމްޕް ވިދާޅުވިއެވެ.
ޑާ ގްލޯބަލްގެ ސީއީއޯ ޒިއާދު އެލް ޗާރް ވިދާޅުވީ، އެ ކުންފުނިން އަންނަނީ ދުނިޔޭގެ ފެންވަރުގެ މަންޒިލްތައް ތަރައްގީ ކުރުމާއި އާ އިންވެސްޓްމަންޓް ސްޓްރަކްޗާތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
""ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސް" އަކީ ލަގްޒަރީ، އީޖާދީ އަދި ޓެކްނޮލޮޖީ އެއްކޮށްލައިގެން ހޮސްޕިޓާލިޓީއަށް ދުނިޔެ އިންވެސްޓް ކުރާ ގޮތް ބަދަލުކޮށް، ދުނިޔޭގެ ފުރަތަމަ ފަހަރަށް ހޮޓެލް މޯލްޑިވްސް ތަރައްގީ ކުރުން،" ޒިއާދު އެލް ޗާރް ވިދާޅުވިއެވެ.
ޒިއާދު ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ސަބަބުން ޑާ ގްލޯބަލްގެ މަޝްހޫރުކަން އިތުރަށް އިތުރުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އޯގަނައިޒޭޝަންގެ ލެގަސީ އޮފް އެކްސެލެންސް ދުނިޔޭގެ އެންމެ ހިތްގައިމު މަންޒިލްތަކުގެ ތެރޭގައި ހިމެނި، ލަގްޒަރީ އާއި އީޖާދީ އުފެއްދުންތައް އެއްތަނަކަށް ބަދަލުވެގެންދާނެ ކަމަށެވެ.
އަލީ ޔާމިން
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް